ޚަބަރު

ފުލިދޫ ބަނދަރު ތަރައްގީކުރުމަށް އެމްޓީސީސީއަށް


  • 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެއް

  • މިހާރުގެ ބަނދަރުގެ ދަތިކަން ރައްޔިތުންނަށް އެބައޮތް

  • އައު މަޝްރޫޢު ހަވާލުކުރީ 63.46 މިލިއަން ރުފިޔާއަށް

  • 465 ދުވަހުން ނިންމާނެ

ވ. ފުލިދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިފިއެވެ.

500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުލިދޫގައި މިހާރު އޮތް ބަނދަރަކީ ޖާގައިގެ ގޮތުން ކުޑަ ބަނދަރެއްކަމުން ބަނދަރުގެ ދަތިކަން ރައްޔިތުން ތަހައްމަލުކުރަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ. ލޯކަލް ޓޫރިޒަމް ފުޅަވަމުން އަންނަ ފުލިދޫގެ ބަނދަރުގެ ދަތިކަމާއި ގުލިގެން ރަށުގެ އިޤްތިޞާދު އެންމެ ބާރަށް ކުރިއަރައިގެން ނުދާކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ. މިކަމަށް ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއިގުޅިގެން، މިނިސްޓްރީ އޮފް ނޭޝަނަލް، ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ އެ މަސައްކަތް މިއަދު އެމްޓީސީސީއާއި ޙަވާލުކުރައްވާފައެވެ.

ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 41413 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 7812 ކިއުބިކްމީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 30708 ކިއުބިކް މީޓަރުގެ ވެލި ބިން ހިއްކުމަށްޓަކައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 439 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 174 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، 25 މީޓަރުގެގްރޮއިން ޖެހުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުން ހިމެނެއެވެ.

މީގެ އިތުރުން މި މަޝްރުއުގެ ދަށުން 40 މީޓަރު ދިގު 6 މީޓަރު ފުޅާ އާރް.ސީ. ބްރިޖެއް ހެދުމާއި، 1450އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 63.46 މިލިއަން ރުފިޔާއަށް 465 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށްފަހުއެވެ.