ޚަބަރު

އިތުރު 11 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީފި


  • މިހާތަނަށް 133 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީފި

  • އިތުރު އެމްބިއުލާންސް އަންނަ ހުކުރު ދުވަހު ލިބޭނެ.

  • އެމްބިއުލާންސް ފޮނުވާނެ ރަށްތައް ވަނީ ކަނޑައެޅިފައި

ހެލްތް މިނިސްޓްރީން ރާއްޖޭގެ އިތުރު 11 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީފިއެވެ. މި އެމްބިއުލާންސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވާލާފައެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރައްވައި ބޭނުންވާ ވަޞީލަތްތައް އިތުރުކުރެއްވުމަށް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތާއި، އަވަސް ފަރުވާގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯއްދަވައިދެއްވުމެވެ.

މި މަސައްކަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަނީ އެމްބިއުލާންސް ފޯރުކޮށްދީފައެވެ. 11 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، މިހާތަނަށް ސަރުކާރުން ރާއްޖޭގެ 133 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެއްވާފައިވާކަމަށެވެ.

މިއީ މިހާތަނަށް ސަރުކާރަކުން އެންމެ ގިނަ ޢަދަދަކަށް ރަށްރަށަށް އެމްބިއުލާންސް ފޮނުވި ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިތުރު އެމްބިއުލާންސް މިމަހުގެ ތެރޭގައި ލިބޭނެކަމަށް އާދިލް ވިދާޅުވިއެވެ.

“މިއަދު އަޅުގަނޑުމެން މި ފުރުވާލާނީ 11 ރަށަކަށް 11 އެންބިއުލާންސް. މިއަދުގެ ސަރުކާރުން ރާއްޖޭގެ 133 ރަށަކަށް އައު އެންބިއުލާންސް ވާނީ ފޯރުކޮށްދީފައި. އަދި މިމަހުގެ 10 ވާ ހުކުރު ދުވަހު އިތުރު 9 އެންބިއުލާންސް ރާއްޖެ ވަންނާނެ. އެ އެންބިއުލާންސްތައްވެސް ރާއްޖެ އައިހާ އަވަހަކަށް ކްލިއަރ ކޮށްފައި ބާކީހުރި ރަށްތަކަށް ފޮނުވާލަ ދޭނަން." އަޙްމަދު އާދިލް ވިދާޅުވިއެވެ.

މި ބުރުގައި އެމްބިއުލާންސް ފޮނުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. މުރައިދޫ، ހއ. ތަކަންދޫ، ނ. ޅޮހި، ނ. މަގޫދޫ، ރ. ރަސްގެތީމު، ބ. ގޮއިދޫ، ކ. ތުލުސްދޫ، ވ. ފެލިދޫ، ށ. ކަނޑިތީމު، ލ. ހިތަދޫ އަދި ހއ. އުތީމެވެ.

ހެލްތް މިނިސްޓްރީން މި އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައިވަނީ އެސް.ޓީ.އޯއާއި ގުޅިގެންނެވެ. އެގޮތުން މިއީ ދިގު މުއްދަތަކަށް ފައިސާ ދައްކާގޮތަށް ގެނެސްފައިވާ އެމްބިއުލާންސްތަކެކެވެ. 20 އެމްބިއުލާންސް ގެނައުމަށް އެސް.ޓީ.އޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.