ޚަބަރު

ޣައްޒާގެ މިނިވަން ކަމަށް ގޮވާލާ ބާއްވާ "ޤައުމީ ބޮޑު އެއްވުން" މާދަމާ ހަވީރު މާފަންނު ދަނޑުގައި


  • އެއްވުން ފަށާނީ މާދަމާ ހަވީރު 4:30 ގައި މާފަންނު ދަނޑުގައި

  • 50 ކައުންސިލަކުން ބައިވެރިވާނެކަން ވަނީ ޔަޤީންކޮށްދީފައި

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ޤަތުލްޢާމް ހުއްޓުވައި، ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް "ޤައުމީ ބޮޑު އެއްވުން" ނަމުގައި ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މާލޭގައި މިއެއްވުން އޮންނާނީ ހުކުރު ދުވަހު ހަވީރު 4:30 ހާއިރު މާފަންނު ޓާފު ދަނޑުގައެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެ އޮވެ، ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެެހެނިހެން ފަރާތްތައް އެކުވެ ކުރިއަށް ގެންދާ މިއެއްވުމަކީ ޣައްޒާ ހިޞޯރުކުރުމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމެއްކަމަށް މިކަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިއީ ފަލަސްޠީނުގެ ހައްޤުގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު އެއް ހަރަކާތަށް ވާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މިހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެއްވުން އިންތިޒާމު ކުރާ ކޮމިޓީން ވަނީ ގޮވާލާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މާފަންނު ޓާފް ދަނޑުގައި މި ހަރަކާތް ކުރިއަށް ގެންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މިއެއްވުން ކުރިއަށް ގެންދިއުމަށް ކޮމިޓީންވަނީ ގޮވާލާފައެވެ. އަދި މިހާތަނަށް މި ހަރަކާތުގައި 50 ކައުންސިލަކުން ބައިވެރިވާނެކަން އަންގާފައިވާ ކަމަށް މިހަރަކާތް އިންތިޒާމު ކުރާ ކޮމިޓީން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު އެއްވުން އިންތިޒާމު ކުރާ ކޮމިޓީން ވިދާޅުވީ، ރާއްޖޭގައި އެއްވުން ކުރިއަށްދާއިރު ދުނިޔޭގެ އެހެން 5 ޤައުމެއްގައި ވެސް ހުކުރު ދުވަހު އެއްވުން ކުރިއަށް ދާނެ ކަމަށެވެ.

"ގްލޯބަލް ސުމޫދު ފްލޯޓިލާގައި ދުނިޔޭގެ 44 ޤައުމަކުން ބައިވެރިވާއިރު މާދަމާ އެކަނިވެސް އެއްފަހަރާ 5 ޤައުމެއްގައި އެއްވުންތައް ކުރިއަށްދާނެ. ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ފިލިޕީންސް އަދި ދިވެހިރާއްޖޭގައި ކުރިއަށްދޭ. އެއްގޮވުމެއް މިގޮވަނީ އަސާސީ ކާބޯތަކެތީގެ ވައްދާށޭ. ހިސޯރު ނައްތާލާށޭ." އިންތިޒާމު ކޮމިޓީން ވިދާޅުވިއެވެ.

މާފަންނު ދަނޑުގައި ކުރިއަށްދާ ޤައުމީ ބޮޑު އެއްވުމުގެ ތެރެއިން، ޣައްޒާގައި ޤަތުލްޢާމު ތެރޭގައި 7 މަސް ހޭދަ ކުރި ފަލަސްޠީނުގެ ރައްޔިތަކާއި އޭނާގެ ދަރިފުޅު ބައިވެރިވާނެ ކަމަށް އިންތިޒާމު ކޮމިޓީން ވިދާޅުވިއެވެ. މީގެއިތުރުން ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލަމުންދާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ 12 މީހަކުވެސް ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

މިއީ ޔަހޫދީ ދައުލަތުން ވޭތުވެ ދިޔަ 18 އަހަރު ޣައްޒާ އެއްކޮށް ބަންދުން ކޮށްލާފައި އޮތުމާއި ދެކޮޅަށް އަޑު އުފުލައި ޣައްޒާ "ހިޞޯރުން" ނައްތާލުމަށް ހިންގާ ގްލޯބަލް ސުމުދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެެކެވެ.

ސުމޫދު ފްލޯޓިލާއަކީ 2007 ވަނަ އަހަރުން ފެށިގެން ޔަހޫދީ ދައުލަތުން ޣައްޒާގެ ކަނޑާއި ވަޔާއި އެއްގަމު މަގުތައް ބަންދުކޮށް ޣައްޒާއަށް ތަކެތި ވެއްދުން ކޮންޓްރޯލް ކުރަމުންދާ ދިއުމާއި ދެކޮޅަށް އުފެދިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ރާއްޖެ ހިމެނޭހެން މިފަހަރު 44 ޤައުމަކުން ބައިވެރިވާއިރު، ކަނޑު މަގުން ޣައްޒާއަށް ވަނުމަށް މަސައްކަތް ކުރާނެއެވެ. މިއީ މިފަދަ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެއެވެ. މީގަ ރާއްޖޭގެ ދައުރަކީ މިހަރަކާތުގެ ތެރެއިން ބޯޓުތަކަށް އިންޑޮނޭޝިއާ ފަޅިން މީހުން އެރުމުގެ ކުރިން ދޭން ޖެހޭ ތަމްރީނުތައް ދިނުމެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ކޮމިޓީގައި އިސްކޮށް އުޅުއްވާ އައިއޭސީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވީ މި ހަރަކާތުގައި ރާއްޖެ ބައިވެރިވުން ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. ޚާއްސަކޮށް ރާއްޖެއިން އިސްރާއީލް ޕާސްޕޯޓު މަނާކޮށް، މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސްޓޭންޑަށް ގިނަ ޤައުމުތަކުން ވަރަށް ބޮޑަށް ތަޢުރީފް ކުރާކަން އޭނާ ފާހަގަކުރިއެވެ.