ކުޅިވަރު

އަލް އަރަބީއަށް ލިބުނީ ހައްގު މޮޅެއް: ކޯޗު


އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ވާދަކޮށް ކުވައިތުގެ އަލް އަރަބީ ހޯދި ކާމިޔާބީއަކީ އެޓީމަށް ހައްގު ކާމިޔާބީއެއްކަމަށް ކޯޗު މާކޯ އަލްވެސް ބުނެފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަލްވެސް ބުނީ މާޒިޔާއަކީ ފެންވަރު ރަނގަޅު ޓީމެއްކަމަށެވެ. އެކަމުގެ ސަބަބުން މެޗާ ކުރިމަތިލީ ނުތަނަވަސްކަމަކާ އެކު ތިބެކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަދި އޭގެ އިތުރުން މޫސުމާ، ދަނޑުގެ ވިނަގަނޑުގެ ސަބަބުންވެސް ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ތަކުލީފެއް ކުރިމަތިވިކަމަށް އޭނާވަނީ ބުނެފައެވެ. މި ދަތިތަކާ އެކުވެސް އެޓީމުން ނުކުތީ މޮޅުވުމުގެ އަޒުމުގައިކަމަށާ، މިމެޗު ކާމިޔާބުކޮށް އަލް އަރަބީން އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަކީ ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއްކަމަށް ކޯޗު ބުންޏެވެ.

"މެޗުގެ ފުރަތަމަ ގޯލު މާޒިޔާގެ ގޯލަށް ވައްދާލެވުމަކީ މެޗު ކާމިޔާބުކުރުމަށް ލިބުނު ފަސޭހައެއް. އެގޯލާއެކު މެޗު ކޮންޓްރޯލްކުރުމަށް ފަސޭހަވި. މެޗާ ކުރިމަތިލިއިރު ނުތަނަސްކަމެއް ހުރި. މާޒިޔާއަކީ ފެންވަރު ރަނގަޅު ޓީމަކަށްވެފައި މޫސުމުގެ ތަފާތުކަމާއި، ދަނޑުގެ ވިނަގަނޑުގެ ސަބަބުން މި މެޗު އުނދަގުވާނެކަމަށް އަންދާޒާކުރެވުނު. އެހެންނަމަވެސް ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެހެންކަމުން އަހަރެން ގަބޫލުކުރާނީ މިލިބުނީ ހައްގު ކާމިޔާބީއެއްކަމަށް" ކޯޗު ބުންޏެވެ.

4-0 ގެ ތަފާތަކުން މާޒިޔާ ބަލިކުރެވުނު ނަމަވެސް އެޓީމަކީ މޮޅު ޓީމެއްކަމަށް ކޯޗު ބުންޏެވެ. މާޒިޔާގެ ކުޅުން ވަރަށް ގިނައިން ބެލިކަމަށާ، އެއީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިބި ހިތްވަރުކުރާ ޓީމެއްކަމަށް ކޯޗުވަނީ ފާހަގަކޮށްފައެވެ. މާޒިޔާގެ ކުޅުމުގެ ފެންވަރު ފެނިފައިވާތީ މެޗަށް ނުކުތީ މާބޮޑު އުންމީދަކާއެކު ނޫންކަމަށްވެސް އޭނާ ބުނެފަވެއެވެ. މެޗު ކުރިއަށްދާ ވަގުތު ގޯލެއް ނުޖެހިދާ ކޮންމެ މިނިޓަކީވެސް ހާސްކަން އިތުރުވެ، ޓީމު ޕްރެޝަރަށްދާނެ ކަމަކަށްވާތީ އަލް އަރަބީގެ އަމާޒަކަށް ހެދީ ވީހާވެސް އަވަހަކަށް ލީޑު ނެގުންކަމަށް އޭނާ ބުންޏެވެ. ނަސީބު ދިމާކުރިގޮތުން މެޗު ފެށައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެޓީމަށް މާޒިޔާގެ ގޯލު ފޫ އަޅުވާލެވުމަކީ ލިބުނު ވަރަށް ބޮޑު ހަމަޖެހުމެއްކަމަށް ކޯޗު ބުންޏެވެ.

"މާޒިޔާއަކީ ކޮލިޓީ ޓީމެއް. އެޓީމުގެ ގިނަ މެޗުތަކެއްވާނީ ބަލާފަ. މާޒިޔާއިން ނުކުންނާނީ މޮޅުވާންކަން އިނގޭ. އެހެންނަމަވެސް އަލް އަރަބިން މޮޅުކުޅުމެއްދައްކާ މެޗު ކާމިޔާބު މިކުރީ. މާޒިޔާ ބަލިވީކީ ނޫން. މިފަހަރު އަހަރުމެންނަށް ކާމިޔާބު ލިބުނީ" ކޯޗު ބުންޏެވެ.

އަލް އަރަބީގެ ކާމިޔާބީގެ އަސްލަކީ ޓީމުގެ ސަޕޯޓަރުންކަމަށާ، މާޒިޔާ ބަލިކޮށް އެޓީމުން އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖަށް ދެވުމުގެ އުފާ ޚާއްސަކުރާނީ ޓީމުގެ ސަޕޯޓަރުންކަމަށް އޭނާ ބުންޏެވެ. ސަޕޯޓަރުންނަކީ ޓީމުގެ އެއް ކުޅުންތެރިޔާކަމަށާ، އެފަރާތްތަކުގެ އެހީތެރިކަން ނެތި މިފަދަ ކާމިޔާބުތައް ނުލިބޭނެކަމަށް ކޯޗު އަލްވެސް ބުނެފަވެއެވެ. އަލް އަރަބީއަކީ ކުވައިތުގެ އެންމެ ސަޕޯޓަރުން ގިނަ ޓީމެވެ.

ކޯޗު އަލްވޭސްވަނީ ކުރިއަށް އޮތް ލީގަށް މާޒިޔާއަށް ކާމިޔާބަށް އެދިފައެވެ. މާޒިޔާއަކީ އުންމީދީ ޓީމެއްކަމަށާ ފެންވަރުގެ ގޮތުން ވަރަށް ރަނގަޅު ޓީމެއްކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރިއެވެ.