ޚަބަރު

ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނަށް


  • ހައުސިން ޔުނިޓްތައް އެޅުމަށް 84.2 މިލިޔަން ރުފިޔާ ޚަރަދުކުރޭ

  • 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ

  • ރަސްދުއަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއް

އއ.ރަސްދޫގައި 50 ހައުސިން ޔުނިޓް ޢިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތަށް ދަޢުތަކުގެ ބަޖެޓުން 84.2 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ރަސްދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚަނާއާއި، ސިޓީން ރޫމް، ބަދިގެ ކާގެ އަދި ލޯންޑަރީއާއި، ސްޓޯރރޫމް ހުންނަނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރަށް ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކޮށް ޕާކަކާއި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް ހަދާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.


2021ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރަސްދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ބޯހިޔާވަހިވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެއާއެކު ހައުސިން މަޝްރޫޢެއް ހިންގަވަން ނިންމަވާފައިވާކަމަށާ، އެމަސައްކަތް ފަށްޓަވާނެކަމަށްވެސް އެމަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.

އާބާދީ އިތުރުވަމުން އައުމާއެކު ރަސްދުއަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. އަދި ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށަކަށްވުމާއެކު، ބޯހިޔާވަހިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ރަސްދުއަކީ އާބާދީގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރެވެ.

ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރައްވާފައިވަނީ ޑިރެކްޓަރ ޖެނަރަލް އަޙްމަދު ވިޝާން ނަސީމްއެވެ. އަދި އެސްޖޭން ސޮއިކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާޙިމެވެ.