ޚަބަރު

މަސައްކަތްތެރި ޖީލެއް ބިނާ ކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހޭ މުހިންމުކަމެއް: ޝަމާއު


  • މަސައްކަތްތެރި ޖީލެއް ބިނާކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހޭކަމެއް

  • އާރްޑީސީގެ ފުރަތަމަ ބިނާވެހި ޕްރޮގްރާމްގައި ޖުމްލަ 11 ބައިވެރިން ބައިވެރިވެ

  • ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވެންސެއް

ވަޒީފާގެ މާހައުލަށް ނިކުންނައިރު ރަނގަޅު މަސައްކަތްތެރި ޖީލެއް ބިނާކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހޭ މުހިންމުކަމެއްކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަމާއު މިހެން ވިދާޅުވީ، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީގެ "ބިނާވެހި ޕްރޮގްރާމް" ފެށުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެއެވެ.

ޝަމާއު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫއުތައް ހިންގަވާކަމަށެވެ. އެ މަޝްރޫޢުތަކަށް މަސައްކަތްތެރިން ބޭނުންވާކަމަށާއި، އެކަމަށް ބޭނުންވަނީ ތަޖުރިބާ ހުރި ފަންނުވެރި މީހުންކަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ ކިތަންމެ މަތީން ކިޔަވައިގެން ހުރިނަމަވެސް މަސައްކަތުގެ އެކަށީގެންވާ ތަޖުރިބާ ނެތްނަމަ، އެކަމުން ކުރާނެ ފައިދާއެއް ނޯންނެކަމަށެވެ. އަދި ކޮންމެ ކަމަކީ ފޮތުގައި ލިޔެފައި އޮންނާނެ ކަންތައްތައް ނޫންކަމަށާއި، ބައެއްކަންކަމަކީ މަސައްކަތްކޮށް ތަޖުރިބާގެ އަލީގައި ކުރެވޭނެކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މީގައި އަޅުގަނޑަށް އެންމެ ހިތްހަމަޖެެހޭ އެއްކަމަކީ ޚާއްސަކޮށް މަސައްކަތުގެ އަމަލީ ތަޖުރިބާކޮށް އެތައް ބައިވަރު ތަޖުރިބާ އެބައެއްގެ ކިބައިގައި ތިބި ބަޔަކާއި އެކީ މަސައްކަތްކޮށް، އެމީހުންގެ ސީދާ ގައިޑަންސްގެ ދަށުން މަސައްކަތް ކުރަން ފުރުޞަތު ލިބުމަކީ ހަމަގައިމުވެސް މީހާ މާ ކުރިއަރައިގެން ދާނެކަމެއް." ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ އާރްޑީސީއިން މި ފެށި ބިނާވެހި ޕްރޮގްރާމްގެ ތެރެއިން ޤައުމަށް ބޭނުންތެރި ގިނަ ބަޔަކު އުފައްދާ ޤައުމަށް ޚިދުމަތް ކުރަން ނެރެވޭނެކަމަށެވެ. އެގޮތުން މަސައްކަތްތެރި މި މާހައުލުގައި ބޭނުންވަނީ ކިޔަވާގެން ތިބި މީހުންގެ އިތުރުން މަސައްކަތުގެ ތަޖުރިބާ ހުރި މީހުންކަމަށް ޝަމާއު ވިދާޅުވިއެވެ.

ބިނާވެހި މި ޕްރޮގްރާމަކީ ޠާނަވީ އިމްތިހާނަށްފަހު މަތީ ޠާނަވީ ތަޢުލީމް ފެށުމާ ދާތެރޭ ނުވަތަ މަތީ ޠާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި މި ދަރިވަރުށްނަށް ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އާރް.ޑީ.ސީން ހިންގާ ޕްރޮގްރާމެކެވެ.

އާރް.ޑީ.ސީގެ ފުރަތަމަ ބިނާވެހި ޕްރޮގްރާމްގައި ޖުމްލަ 11 ބައިވެރިން ބައިވެރިވެއެވެ. މި ޕްރޮގްރާމްއަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ވަނީ ނިންމާފައެވެ.