ޚަބަރު

މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފާ މިންވަރު އިތުރުކުރަންޖެހޭ: ޝައުނާ


  • ދަ މޯލްޑިވްސް އޯޝަން ހެކަތަން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ ޝައުނާ

  • މޫސުމީ ބަދަލުތައް ދެނެގަތުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފުން މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި

  • މި ހެކަތަން ކުރިއަށްދާނީ 3 ދުވަހުގެ މުއްތަކަށް

މޫސުމީ ބަދަލުތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމުގައި އައު އީޖާދީ ޓެކްނޮލޮޖީގެ ބޭނުން މިހާރަށްވުރެ ބޮޑަށް ހިފަންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމަށް "ދަ މޯލްޑިވްސް އޯޝަން ހެކަތޯން"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ހަރަކާތް އިފްތިތާޙްކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް އެންމެ ފުރިހަމަ ގޮތުގައި ދެނެގަތުމަކި ވަރަށް މުހިންމު ކަމެކެވެ. އަދި މި ހެކެތަން ބޭއްވުމުގެ މަސައްކަތް ފެށުނީ މީގެ ދެ އަހަރު ކުރިން ކަމުން މިއަދު މި ހެކެތަން އިފްތިތާޙުކުރެވި ގިނަ ބައެއްގެ އެހީތެރިކަމާއެކު ހެކެތަން ރޭވިގެން ކުރިޔަށް ގެންދިއުމަކީ ބޮޑު ހިތްހަމަޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ތިމާވެއްޓަށް ދިމާވާ މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މި ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރެއްވި ކަމަށެއެވެ.

"އަޅުގަނޑުމެންނަށް ވިސްނުނު އެންމެ މުހިންމު އެއް ކަމަކީ އެބެޖެހެޔޭ ދުނިޔޭގައި މިހާރު މި ބޭނުން ކުރާ ތަޢާރަފްކޮށްފައިވާ އެކި އެކި ދާއިރާތަކުން މި ބޭނުން ކުރާ އައު އީޖާދީ ޓެކްނޮލޮޖީ ބޭނުން ކުރަން.. ސެޓްލައިޓް ޓެކްނޮލޮޖީވެސް އެބަޖެހެޔޭ ބޭނުން ކުރަން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، މިފަދަ ވަސީލައްތައް ބޭނުން ކޮށްގެން ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމާއި، ކަނޑުގެ މާހައުލީ ނިޒާމްތަކަށް މި އަންނަ މަދަލުތައް ދެނެގަންނަން ޖެހޭކަމަށެއެވެ. އަދި ރާއްޖައަކީ ޖަޒީރާ ޤައުމެއްކަމަށާއި، ރަށް ގިރުމުގެ މައްސަލައަކީ އަބަދުވެސް އިވެމުން އަންނަ ކަމެއް ކަމަށެވެ.

މިކަންކަން ހައްލު ކުރުމަށް ހަމައެކަނި ވަށައިގެން ހިލަ ޖަހާލިޔަކަސް ނުފުދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންކަން ހައްލު ކުރެވޭނީ އައު ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ޤައުމުގެ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ބަދަލުތައް ބަލާ ދިރާސާކޮށްގެންކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ވައި ނުސާފުވުމާއި، ފަރު ހުދުވުމާއި، ޕްލާސްޓިކުގެ ސަބަބުން މަސްވެރިކަމަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް އަސަރު ކުރާ މިންވަރާއި މިކަންކަން ވަރަށް ރަނގަޅަށް ދެނެގަންނަން ޖެހޭކަމަށެވެ. އަދި މިކަންކަމާއި ގުޅޭގޮތުން މުސްތަޤުބަލުގައި އަޅަން ހުރި ފިޔަވަޅުތައް ރާވާ ހިންގާ ނިންމޭނީ މިފަދަ ވަސީލަތްތަކުގެ އެހީގައި ލިބޭ ޑޭޓާތަކުގެ އެހީގައިކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ދަ މޯލްޑިވްސް އޯޝަން ހެކަތަން" ހަރަކާތަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ދިރާސާކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީ އަދި ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެއެވެ. މި ހެކެތަން އަކީ ގިނަ ބަޔަކު ޝާމިލް ވާނެހެން 48 ގަޑިއިރު ހަމަވާގޮތަށް 3 ދުވަހަށް ބަހައިލައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ހެކަތަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 15 އިން 17އަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. 10 ޓީމަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ހެކަތަންގެ އެއްވަނަ ފަރާތަށް 10،000 އެމެރިކާ ދޮލަރުގެ އިނާމެއް ކަނޑައަޅާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ ޓީމެއްގައި ހިމެނޭނީ 3 ނަވަތަ 5 މެންބަރުންނެވެ.