ޚަބަރު

އަނގޮޅިތީމުން 11 އަހަރަށްފަހު ގޯތި ދޫކުރުރަނީ


  • ދިރިއުޅުމަށްޓަކާ 32 ގޯއްޗެއް ދޫކުރުމަށް އަނގޮޅިތީމު ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލާފައި

  • އެއީ 3000 އަކަފޫޓުގެ ގޯތިތަކެއް

ރ. އަނގޮޅިތީމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފިއެވެ. މިއީ އަނގޮޅިތީމު ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުސް ބިންތަކުން ދޫކުރާ ގޯތިތަކެއްކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ.

300 އެއްހާ މިހުންގެ އާބާދީއެއް އޮންނަ ރ. އަނގޮޅިތީމުން ދިރިއުޅުމަށްޓަކާ 32 ގޯއްޗެއް ދޫކުރުމަށް އަނގޮޅިތީމު ކައުންސިލުން ވަނީ ނިންމަވާފައެވެ. މިއީ 3000 އަކަފޫޓުގެ ގޯތިތަކެކެވެ. ގޯއްޗަށް އެދުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު ހުށަހެޅުމަށް އަންނަމަހުގެ 20 ގެ ނިޔަލަށް ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި 32 ގޯތީގެ ތެރެއިން 30 ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ރަށުގެ އިރު ދެކުނުން ކަމަށައި ބާކީއިން ދެ ގޯތި ދޫކުރުމަަށް ހަމަ ޖެހިފައިވަނީ ރަށުގެ ހުޅަނގު ދެކުނުން ކަމަށެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އަނގޮޅިތީމު ކައުންސިލްގެ ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެ ރަށުން އެންމެ ފަހުން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ މީގެ 11 އަހަރު ކުރިން ކަމަށެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން އެރަށުގައިވެސް ބޯހިޔާވަހިކަން ބޭނުންވެފައިތިބި އެތައް ރައްޔިތުންނެއް އެބަތިބިކަމަށެވެ. މިފަހަރު ގޯތި ދޫކުރުމުގައި ބޮޑަށް އިސްކަންދޭނީ އަލަށް ގޯތި ބޭނުންވެފައިތިބި މީހުންގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކަށްކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބިމުގެ ދަތިކަމެއް ނެތް އިނގޭތޯ. އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭން ހަދާފައި މިއޮތީ ކުރިއަށް އޮތް ވިހި އަހަރަށް. ގޯތި ދޫކުރުމުގައި ވަކި ހަމައެއްް އެބަޮއޮތް. އެހެންވީމައި ވަކި ވަރަކަަށް ގޯތި މި ދޫކުރެވެނީ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ދިރިއުޅުމަށްޓަކައި ދޫކުރާ ގޯތީގެ އެވްރެޖް ބޮޑުމިނަކީ 3000 އަކަފޫޓުގެ ބިމެވެ. އެހެންނަމަވެސް ގޯތި ދޫކުރާއިރު މަގުތަކާއި ގޯޅިތަކަށް މިންހަމަކުރުމުގެ ގޮތުން 3000 އަކަފޫޓުން ދޫކުރާ ބައެއް ގޯތިތަކުގެ މިނަށް އުނިއިތުރު އައިސްދާނެކަމަށެވެ.

ގޯއްޗައް އެދި ހުށައަޅާ ފަރާއްތަކުގެ ފުރިހަމަވާންޖެހޭ ޝަރުތުތައް:

• މީލާދީގޮތުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން
• ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުން.
• ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުން.
• ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
• ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެ ގޯތި އެހެން މީހަކަށް ދީ، ދޫކޮށްލައި ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

އަނގޮޅިތީމު ކައުންސިލުން ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް އެކަން ފަހިކޮށްދިނުމަކީ އެ ކައުންސިލުން ޙާއްސަ އިސްކަމެއްދީގެން ކުރައްވާ ކަމެއްކަމަށެވެ.