ޚަބަރު

ކަނޑޫދޫ ރައްޔިތުންގެ އުއްމީދު، އައު ޢިމާރާތާއެކު ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާވުން


  • ޞިއްޙީ މަރުކަޒު މިވަގުތު ހިންގަމުންދަނީ އާއްމު ފަރާތެއްގެ ގެއެއް ކުއްޔަށް ނަގައިގެން

  • އައު އިމާރާތުގެ މަސައްކަތް ޙަވާލުކުރީ 2021 ވަނަ އަހަރު

  • އައު ޢިމާރާތާއެކު އޮފީސް ޖާގައާއި، ލެބޯޓްރީ އަދި ސްޓާފް އެކަމަޑޭޝަން ހަމަޖެހޭނެ

  • 13.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވޭ

ޞިއްޙީ ޚިދުމަތަކީ އެންމެ މުހިންމު އެއް އަސާސީ ޚިދުމަތްކަމަށްވާއިރު، މި ޚިދުމަތް ހޯދުމުގައި ޒަމާނުންސުރެއް އަތޮޅުތަކުގެ ރައްޔިތުންނަށް ބަރޯސާވާންޖެހިފައިވަނީ މާލޭ ސަރަޙައްދާއި، ރީޖަނަލް ހޮސްޕިޓަލްތަކަށެވެ. ވަކިން ޚާއްސަކޮށް އާބާދީ ކުދި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ޞިއްޙީ ފަރުވާއަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ބޮޑެވެ.

މިފަދަ ގިނަ ރަށްރަށުގައި ހުރި ޞިއްޙީ މަރުކަޒުތައް ހުރީ އަޅާނުލެވި ގިނަ ދުވަސްވުމުގެ ސަބަބުން ބޮޑެތި މަރާމާތުތަކަކަށް ބޭނުންވެފައެވެ. މީގެ ތެރެއިން އެއް ތަނަކީ ކޮޅުމަޑުލު ކަނޑޫދޫ ޞިއްޙީ މަރުކަޒެވެ.

400 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ތ. ކަނޑޫދޫގައި ޞިއްޙީ ޚިދުމަތް ފެށިގެން އައީ މީގެ ގާތްގަނޑަކަށް 24 އަހަރު ކުރިން ވަރަށްވެސް އާދައިގެ ގޮތަށަކެވެ. އަދި ޞިއްޙީ މަރުކަޒެއްގެ ފެންވަރަށް އެތަން ބަދަލުވެގެން ދިޔައީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. 8 ގަޑިއިރު ޚިދުމަތްދޭ މި މަރުކަޒުގައި މިވަގުތު މަސައްކަތް ކުރަމުންދަނީ އެންމެ ޑޮކްޓަރަކާއި، 2 ނަރުހުންނެވެ. އިދާރީ މުވައްޒަފުންނާއި ސަޕޯޓް ސްޓާފުންނާއެކު ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ 14 އެވެ.

ކޮޅުމަޑުލުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޖާގައިގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ޞިއްޙީ މަރުކަޒަކީ ކަނޑޫދޫ ޞިއްޙީ މަރުކަޒެވެ. ޞިއްޙީ މަރުކަޒުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތް ތަޅާލައި، އެތަނުގައި އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާތީ، ޞިއްޙީ މަރުކަޒުގެ ޚިދުމަތް މިވަގުތު ދެމުން އަންނަނީ އާއްމު ފަރާތެއްގެ ގެއެއް ކުއްޔަށް ނަގައިގެންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކަނޑޫދޫ ޞިއްޙީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް މުޙައްމަދު މުފީދު ވިދާޅުވީ، ވަގުތީ ތަނެއްގައި ހެލްތު ސެންޓަރު ހިންގަން ޖެހުމުގެ ސަބަބުން، ހެލްތު ސެންޓަރަކުން ލިބެންޖެހޭ އެންމެ ފުރިހަމަ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި ކުޑަތަންކޮޅެއްގައި ސްޓާފުން މެނޭޖްކުރުމަށްވެސް އުނދަގޫވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ލެބޯޓްރީއެއްގެ ޚިދުމަތް ލިބެން ނެތުމަކީވެސް ބޮޑު ގޮންޖެހުމެއްކަމަށް މުފީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސާމްޕަލް ކައިރި ރަށްރަށަށް ފޮނުވައިގެން މިކޮޅުގެ ޕޭޝަންޓުންނަށް ޓެސްޓުތައް މި ހަދައިދެނީ. އެ އިންތިޒާމް ހަމަޖައްސައިދެން. އެހެންނަމަވެސް ލެބޯޓްރީއެއް ނެތުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދަނީ. މިކޮޅުގައި އެބައުޅޭ ލޭ އަޅާ 3 ވަރަކަށް ކުދިން ޤަވާއިދުން ލޭ އަޅަންޖެހޭ. އެކުދިން ލޭ އެޅުމުގެ ކަންކަންވެސް ވަރަށް ބޮޑު އުނދަގުލަކާއެކު ކުރަމުން އެގެންދަނީ" މުފީދު ވިދާޅުވިއެވެ.

ކަނޑޫދޫ ޞިއްޙީ މަރުކަޒު ކުރިން ހިންގި ޢިމާރާތް ތަޅާލާ، އެތަނުގައި ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް އެޅުމަށް ހެލްތު މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

މުފީދު ވިދާޅުވީ، ކަނޑޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތަކީ މުޅި ރަށުގެ ޞިއްޙީ ޚިދުމަތުގެ ކުރިމަގާ ގުޅިފައިވާ މުހިންމު މަޝްރޫޢެއްކަމަށެވެ. އެގޮތުން އައު އިމާރާތާއެކު އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޖާގައާއި، ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓްރީގެ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހައިން ލިބޭނެ މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އައު ޢިމާރާތާއެކު ލެބޯޓްރީއަކާ އެއްޗެހި އައިސް ފަސޭހަތަކެއްވާނެކަމަށް އަޅުގަނޑުމެން އުއްމީދުކޮށްގެން މިތިބީ. ހަމަވީ އެންމެ އަވަހަކަށް އައު ޢިމާރާތައް ބަދަލުވެ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ޞިއްޙީ މަރުކަޒުގެ ހުރިހާ މުވައްޒަފުންވެސް ބޭނުންވަނީ" މުފީދު ވިދާޅުވިއެވެ.

ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ހަރަކާތްތެރިވަމުންދަނީ އާއްމު ބަލިތަކާބެހޭ އެންމެ ޑޮކްޓަރެކެވެ. ސްޕެޝަލިސްޓަކަށް ދައްކަންޖެހިއްޖެނަމަ އެ ޚިދުމަތް ހޯދަން ދާންޖެހޭނީ ރަށުން ބޭރަށެވެ. އައު ޢިމާރާތާއެކު ޞިއްޙީ ޚިދުމަތްތައްވެސް މިހާރަށްވުރެ ފުޅާވެގެންދިއުމަކީ ކަނޑޫދޫގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް އެދޭ އެއް އެދުމެވެ.

އައު ޞިއްޙީ މަރުކަޒު ފަރުމާކޮށްފައިވަނީ، ސްޓާފް އެކަމަޑޭޝަން ބްލޮކެއްވެސް ހިމެނޭހެންނެވެ. މިއީ 13.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.