ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކާއެކު ތ. އަތޮޅު މަދަރުސާގެ ކުރިމަގަށް ފޮނި އުއްމީދުތަކެއް


  • ތ. އަތޮޅު މަދަރުސާއަށް 38 އަހަރު

  • ޖާގައިގެ ދަތިކަން ބޮޑު، މިވަގުތު ކިޔަވައިދެނީ 22 ކްލާސްރޫމުގައި

  • މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި

  • 6 ކްލާސްރޫމު ނިންމާ އަންނަ އަހަރު ކުރީކޮޅު ބޭނުންކުރަން ފެށޭނެ

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފެންވަރު ރަނގަޅު ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. މިކަމަށް މަގުފަހިކޮށްދިނުމަށް ސްކޫލްތަކުގެ ޖާގަ އިތުރުކޮށް، އާބާތުރަ ފިލުވާ ވަޞީލަތްތައް ހަމަކޮށްދިނުމުގެ އެތައް މަޝްރޫޢެއް އެކި ސަރަހައްދުތަކުގައި މިވަގުތުވެސް އަންނަނީ ހިންގަވަމުންނެވެ. މިފަދަ މަސައްކަތްތަކެއް ކުރިއަށްދާ އެއް ސްކޫލަކީ ތ. އަތޮޅު މަދަރުސާއެވެ.

ކޮޅުމަޑުލު ގުރައިދޫގައި ހުންނަ ތ. އަތޮޅު މަދަރުސާއަކީ މީގެ 38 އަހަރު ކުރިން 1985 ވަނަ އަހަރު ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ އަތޮޅުތަކުގައި ޢިމާރާތްކުރި ސްކޫލްތަކުގެ ތެރެއިން ސްކޫލެކެވެ. މިއީ މިއަތޮޅުގެ ނިސްބަތުންވެސް އެންމެ އާބާދީ ބޮޑު އެއް ސްކޫލެވެ.

އެލް.ކޭ.ޖީއިން ފެށިގެންގޮސް އޭ ލެވެލްއާއި ހަމައަށް ކިޔަވައިދޭ ތ. އަތޮޅު މަދަރުސާގައި މިވަގުތުވެސް 355 ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ. ޓީޗަރުންނާއި، އީދާރީ ސްޓާފުން ހިމެނޭހެން 72 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތ. އަތޮޅު މަދަރުސާއަށް މީގެ ގާތްގަނޑަކަށް 8 ވަރަކަށް އަހަރު ކުރިން އިތުރުކުރި 6 ކްލާސްރޫމު ހިމެނޭހެން މިވަގުތު މިތަނުގައި ކިޔަވައިދެމުން ދަނީ 22 ކްލާސްރޫމެއްގައެވެ. މީގެ ތެރޭގައި ވަގުތީގޮތުން ބޭނުންކުރާ ކްލާސްރޫމުތަކެއްވެސް ހިމެނެއެވެ.

އެހެންނަމަވެސް އަހަރުން އަހަރަށް ކިޔަވާ ކުދިންގެ ނިސްބަތް އިތުރުވަމުންދިއުމާއި، މިއީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްކަމުން، ޖާގައިގެ ދަތިކަން އަދިވެސް މި ސްކޫލަށް އެބައޮތެވެ.

މިކަން ހައްލުކުރެއްވުމަށްޓަކާ ސަރުކާރުން ތ. އަތޮޅު މަދަރުސާގައި މިވަގުތު މުހިންމު ދެ މަޝްރޫޢެއް ދަނީ ހިންގަވަމުންނެވެ. އެއީ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ތަރައްޤީކުރުމާއި، 6 ކްލާސްރޫމް ހިމެނޭ ބްލޮކެއް ތަރައްޤީކުރުމެވެ. މީގެ ތެރެއިން މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް މިހާރު ގާތްގަނޑަކަށްހެން ވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ އެތެރޭގައި ކުރަންޖެހޭ ފިނިޝިންގގެ މަސައްކަތްތަކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތ. އަތޮޅު މަދަރުސާގެ އެޑްމިނިސްޓްރޭޓަރ ޢާދިލް އިބްރާހީމް ވިދާޅުވީ، ސްކޫލުގެ ދިގު ތާރީޚުގައިވެސް ހޯލެއްގެ ވަޞީލަތް ތަނުގައި ޤާއިމުވެފައި ނެތުމަކީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. ނަމަވެސް މަލްޓި ޕަރޕަސް ހޯލް ޢިމާރާތާއެކު، ވަޞީލަތްތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ޢާދިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހޯލެއްގޮތަށް މި ބޭނުންކުރަނީ 5 ކްލާސްރޫމު ހިމެނޭ ޢިމާރާތެއްގައި. އެތަން މި ހުންނަނީ ޕާޓިޝަން ދަމާފައި. އެހެންވީމަ ހޯލު ބޭނުންކުރަންޖެހޭ ކޮންމެ ފަހަރަކު އަޅުގަނޑުމެން ހުރިހާ ގޮނޑިތަކާއި ޑެސްކުތައް ނަގާ ބޭރަށް ނެރެންޖެހޭ.. ކޮންމެވެސް ގޮތަކަށް ތައްޔާރުކޮށްލައިގެން ބެކްޑްރޮޕެއްވެސް ހަދައިގެން މި ބޭނުންކުރަންޖެހެނީ. އެއީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑު ދައްޗެއް.. އެހެންވީމަ މަލްޓި ޕަރޕަސް ހޯލު ނިމި އެތަނުގެ ބޭނުންކުރަން ފެށުނީމަ އެހުރިހާ ދައްޗެއް ފިލައިގެންދާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން" ޢާދިލް ވިދާޅުވިއެވެ.

ތ. އަތޮޅު މަދަރުސާގެ ޖާގަ އިތުރުކުރުމަށް އަޅާ 6 ކްލާސްރޫމު ޢިމާރާތަކީ 3 ފަންގިފިލާގެ ޢިމާރާތެކެވެ. މިތަނުގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބަށް ބަލާއިރު، ފުރަތަމަ ފަންގިފިލާގެ ޝީޓު މިހާރު ވަނީ އަޅާ ނިމިފައެވެ. މި ޢިމާރާތް އެއްކޮށް ނިމޭއިރު މިތަނުގައި، ހެލްތު ރޫމަކާއި، ކައުންސިލިންގ ރޫމަކާއި ސެން ކްލާސްރޫމެއްވެސް ހުންނާނެއެވެ. މިއީ 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ޢިމާރާތެކެވެ.

މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، އަންނަ އަހަރުގެ ކުރީކޮޅު މި ޢިމާރާތްނިމި، ބޭނުންކުރަން ފެށޭވަރުވާނެކަމަށް އުއްމީދުކުރެވޭކަމަށް ޢާދިލް ވިދާޅުވިއެވެ.

"ސްކޫލުގެ މެނޭޖްމަންޓުން އުއްމީދުކުރާ ބާރު ސްޕީޑެއްގައި މަސައްކަތް ދާކަން ފާހަގަކުރެވޭ. ޕްރޮޖެކްޓުގެ އަޕްޑޭޓުތައް ކުރަމުންދާއިރު އެއްވެސް ވަރަކަށް ތަކެތި ދަތިނުވެ، ލިބެންހުރޭ. މަސައްކަތް ނުހުއްޓި ކުރިއަށްދާކަން ފާހަގަކުރެވޭ. މިދާ ސްޕީޑުގައި ކުރިއަށްދާނަމަ އުއްމީދު އެބަކުރެވޭ އަންނަ އަހަރުގެ ކުރީކޮޅުގައި މި 6 ކްލާސްރޫމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށް" ޢާދިލް ފާހަގަކުރެއްވިއެވެ.

ތ. އަތޮޅު މަދަރުސާއަކީ މުޅި އަތޮޅުގައިވެސް ހިމެނޭ ސްކޫލުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ އެއް ސްކޫލެވެ. އެގޮތުން އެންމެފަހުގެ ނަތީޖާތަކަށް ބަލާއިރުވެސް އޯލެވެލް އިމްތިޚާނުގެ ގަދަ 10 ގައި 4 ދަރިވަރެއް އަދި އޭލެވެލް އިމްތިޚާނުގެ ގަދަ 10 ގައި މި ސްކޫލުގެ 5 ދަރިވަރެއް ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ސްކޫލުގެ އަމާޒަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދީ އަހަރުން އަހަރަށް ނަތީޖާ ރަނގަޅުކުރުންކަމަށްވާއިރު، ޖާގަ އިތުރުކުރުމަށް ހިންގޭ މި މުހިންމު ދެ މަޝްރޫޢާއެކު ތ. އަތޮޅު މަދަރުސާގެ ކުރިމަގާމެދު ކުރެވޭ އުއްމީދުތައް ފޮނިކަން އެ ސްކޫލުން ފާހަގަކުރެއެވެ.