ސިޔާސީ

އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި


ރިޔާސީ އިންތިޚާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އޮންލައިންކޮށް ހުޅުވާލި މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވައިފިއެވެ. ކޮމިޝަނުން ކުރިން މި ފުރުޞަތު ހުޅުވާލާފައިވަނީ ހޯމަ ދުވަހުގެ ރޭ 00:00 އާއި ހަމައަށެވެ.

ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ކުރީގެ ރިޔާސީ އިންތިޚާބުތަކާ ޚިލާފަށް މިފަހަރުގެ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ދެ ގޮތަކަށް އިލެކްޝަނުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެއީ އޮންލައިންކޮށާއި ކަރުދާސް ފޯމު ހުށަހަޅައިގެންނެވެ.

ރީ-ރަޖިސްޓްރޭޝަންގެ މަރުޙަލާ އާއްމުންނަށް ވީހާވެސް ފަސޭހަކުރުމުގެ ގޮތުން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރި ފަރާތްތަކުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މާލޭގައި ވޯޓުލާނަމަ އަލުން ރީ-ރަޖިސްޓަރކުރަން ނުޖެހޭނެއެވެ. އޮންލައިންކޮށް އިލެކްޝަނުން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަނުން ކުރިން ހުޅުވާލީ މިމަހުގެ 31 ގެ ނިޔަލަށެވެ. ނަމަވެސް އެ ކޮމިޝަނުން މިހާރު މިވަނީ މި ފުރުޞަތު އޯގަސްޓް 2 ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައެވެ. ކަރުދާސް ފޯމުން ރީ-ރަޖިސްޓްރީވުމަށް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ އޯގަސްޓް 5 ވާ ހޮނިހިރު ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށްބަލާއިރު، މިމަހުގެ 29 ގެ ނިޔަލަށް ރީ-ރަޖިސްޓްރީވުމަށް އެދި 11900 އަށްވުރެ ގިނަ ފޯމު ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

އޭގެ ތެރޭގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުށަހެޅި 8600 އަށްވުރެ ގިނަ ފޯމާއި، ކަރުދާސް ފޯމުގެ ގޮތުގައި ހުށަހެޅުނު 3300 އަށްވުރެ ގިނަ ފޯމު ހިމެނެއެވެ.

ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގައި އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެހެން ޤައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ވެފައިނުވާކަމަށްވެސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

މިހާރު ރީ-ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާވެސް ޙިއްސާކުރަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާގެ ކަންކަން ވީހާވެސް އަވަހަށް ފުރިހަމަކުރުމަށްޓަކާ، އެންމެ ފަހު ވަގުތަށް ނުތިއްބަވާ، އެކަންކަން ފުރިހަމަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި، ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެކަމަށްވެސް، އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް، ރީ-ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.