ޚަބަރު

އާބާދީ ބޮޑު ދިއްދޫއަށް ޖާގަ ބޮޑު ތަނަވަސް ބަނދަރެއް، މަސައްކަތުގެ ބޮޑުބައެއް ނިމިފައި


  • ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 ޕަސެންޓް ވަނީ ނިމިފައި

  • މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ފުރިހަމަވެފައި

  • މިއީ 69.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ހިނގާ މަޝްރޫއެއް

ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށްދާ އެއް ރަށަކީ ހއ. ދިއްދޫއެވެ. އެގޮތުން އާބާދީ ބޮޑު ދިއްދޫއަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރިއަށްދާ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ހއ. ދިއްދުއަކީ ރާއްޖޭގެ އެންމެ އުތުރުން އެންމެ އާބާދީ ބޮޑު އެއްރަށެވެ. ދިއްދޫގައި 5000ހާހެއްހާ މީހުން ދަނީ ދިރިއުޅެމުންނެވެ. ދިއްދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް ރަށެވެ. ސިއްޙީ ޚިދުމަތް ހޯދުމާއި، ވިޔަފާރިއާއި ސަރުކާރުގެ އޮފީސްތަކުން ހޯދާ ޚިދުމަތްތަކަށް އެތައް ބަޔަކު ދިއްދުއަށް ދަތުރުކުރެއެވެ.

ދިއްދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި ބަނދަރުގެ ޖާގައިގެ މައްސަލަަ ޙައްލުކުރުމަށް އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކުރެއްވީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

ދިއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢަށް ލަސްތަކެއް ވަނީ އައިސްފައެވެ. ސަބަބެއްކަމަށް އެމްޓީސީސީން ވިދާޅުވީ މަސައްކަތް ފެށިފަހުން މަޝްރޫޢުގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެންނަންޖެހުމުންކަމަށެވެ. އެގޮތުން މަޝްރޫޢުގެ ޑިޒައިންނަށް ބޮޑު 4 ބަދަލެއް ގެނެސްފައިވެއެވެ. މަސައްކަތް ފަށައިގެންއިރު ލަސްތަކެއް ދިމާވިނަމަވެސް މިހާރު މި މަޝްރޫޢުގެ މަސައްކަތް އެކުންފުނިން ވަރަށް ބާރަށް ދަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބައް ބަލާއިރު ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަވެފައެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އެ ރަށުގައި ކުރިން ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 މީޓަރ ފުޅާ ބަނދަރެކެވެ. ރަށަކީ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމަށް ވުމުން އެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް ގިނަބައެއް ޒިޔާރަތް ކުރާކަމަށާއި މިފަރާތްތަކުގެވެސް އެންމެ ބޮޑު ޝަކުވާއަކީ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ ބަނދަރުގެ އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަން. ދެން ރަށަކީ ގިނަބަޔަކު އަރާ ފައިބާ ރަށަކަށް ވުމުން ގިނަ އުނޅަދު ފަހަރު އެބަ ވަދެ ނިކުމެ ހަދާ. އެހެންކަމަށް ވާއިރު ޖާގަ ނެތުމުގެ ޝަކުވާ ވަރަށް ގިނައިން އެބަ އާދޭ" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. އެހެންނަމަވެސް ބަނދަރަށް އިތުރުކުރެވޭ ޖާގައާއެކީ މި މައްސަލައަށް ހައްލު ލިބިގެން ދާނެކަމަށެވެ. އެގޮތުން ރަށަށް ޒިޔާރަތް ކުރާ ފާރައްތަކަށް ފަސޭހަކަމާއެކު ދޯނި ފަހަރު ގާތް ކުރެވި ވަދެ ނިކުމެ ހެދޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ބަނދަރުގެ މަސައްކަތް ނިމުމުން ބޮޑެތި ބޯޓް ފަހަރަށް ވަކިން ގާތް ކުރެވޭނެ ސަރަހައްދެއްވެސް ހެދިގެން ދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ހަމައެހެންމެ 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މިއީ 69.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ހިންގަވާ މަޝްރޫއެކެވެ.