ޚަބަރު

ހުޅުދުއްފާރު މަގުހެދުން: ލަސްތަކެއް ނުވެ ތާރު އަޅަން ފަށާނެ


  • ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ 5 މަގުގައި ތާރުއަޅާނެ

  • މަގުހެދުމުގެ %70 އަށްވުރެ ބޮޑުބައެއް ވަނީ ނިމިފައި

  • 2 މަސްތެރޭ ތާރުއަޅަން ފަށަނީ

  • 88.9 މިލިއަން ރުފިޔާ ޚަރަދުވޭ

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 1995 ވަނަ އަހަރު މީހުން ބަދަލުކުރު ރ. ހުޅުދުއްފާރުގައި މިވަގުތު ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން މަގުހެދުމުގެ މަސައްކަތަކީ މިވަގުތު އެރަށުގައި ކުރިއަށްދާ ތަރައްޤީގެ ބޮޑު އެއް މަޝްރޫޢުއެވެ. މި މަޝްރޫއުގެ ދަށުން 3.2 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މަގު ހެދުމުގެ މަސައްކަތުގެ ދަށުން ބޮޑު ބައެއްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ރ. ހުޅުދުއްފާރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކުރީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. މަގުހެދުމުގެ ޢަމަލީ މަސައްކަތް ފެށީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ. މިއީ 88.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހުޅުދުއްފާރު މަގުހެދުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ސްޓޯމް ވޯޓަރ ވަޅުލާ، ކާސްންޓިންގެ ގިނަ މަސައްކަތްތަކެއް ވަނީ ނިންމާލާފައެވެ. އަދި ޖަންގްޝަންތައް ބަހައްޓާ ހިނގާ މީހުންނަށް ޚާއްސަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ. މުޅި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު %75 މަސައްކަތް ނިންމާލާފައިވާކަމަށް ރަށު ކައުންސިލުން ފާހަގަކުރެއެވެ.

މަގުހެދުމުގެ މަސައްކަތުގެ ދަށުން ހުޅުދުއްފާރުގެ 5 މަގެއް ޒަމާނީ ފެންވަރަށް ލައިޓްތައް ހަރުކޮށް ތާރުއަޅައިގެން ތަރައްޤީކުރާނެއެވެ. އަދި ފުރަތަމަ މަރުހަލާގައި ހަދާ މި 5 މަގަކީ ހިރަފުސް ބޯ މަގުތަކާއި ވިއްސާރަވެ އަވަހަށް ފެންބޮޑުވާ މަގުތަކުގެ އިތުރަށް ސަރުކާރުގެ މުހިންމު އިދާރާތްތައްވެސް ހުންނަ މަގުތަކެކެވެ.

ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަޙްމަދު ޢާތިފް ވިދާޅުވީ، މަގުހެދުމުގެ މަސައްކަތުގެ ދަށުން ތާރުއެޅުމުގެ މަސައްކަތްކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެޓީމްގެ މެމްބަރުން ހުޅުދުއްފާރަށް އައިސް ތާރުއެޅުމަށް ބޭނުންވާ ސާމާނު ގެނެސް ބަހައްޓާނެތަން ބަލާ ދިރާސާތަކެއްކޮށްފައިވާކަމަށެވެ.

އާޠިފް ވިދާޅުވީ ކުރިއަށްއޮތް 2 މަސްދުވަހުގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"މިހާރު ހަދަމުން އަންނަ މަގުތަކަކީ ރައްޔިތުން އެންމެ ގިނައިން ބޭނުންކުރަމުންދާ މަގުތައް. އުއްމީދުކުރަން ފުރަތަމަ ފިޔަވަހީގެ މަގުތައް ތާރުއަޅާ ނިމެންވާއިރަށް ދެވަނަ ފިޔަވަހީގެ މަގުތައްވެސް ހަދާނެކަމަށް. ދެވަނަ ފިޔަވަހީގައިވެސް އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި މަގުތަކުގައި ތާރުއެޅުން." އާޠިފް ވިދާޅުވިއެވެ.

މިރަށުގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރާއިރު، މިއީ މަގުބޭނުން ކުރާ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ. އަދި މިއީ ހުޅުދުއްފާރުގެ އިޖްތިމާޢީ، އިޤްތިޞާދީ ކުރިއެރުމާވެސް ގުޅިފައިވާ މުހިންމު މަޝްރޫޢުގެ ގޮތުގައި ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ހުޅުދުއްފާރަކީ މީގެ 28 އަހަރު ކުރިން ފަޅު ރަށެކެވެ. ރ. ގާއުނޑޫދޫއާއި އެއަތޮޅު އުނގުލުގައި ދިރިއުޅުނު މީހުން ހުޅުދުއްފާރަށް ބަދަލުކޮށް އާބާދުކޮށް އެރަށަކީ މީހުން ދިރި އުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވީ 1995 އަހަރުއެވެ. އެއިރުން ފެށިގެންވެސް އެރަށުގެ މީހުންނަށް ދިމާވަމުން އައި އެންމެ ބޮޑު އެއް ދައްޗަކީ މަގުތަކުގެ އަޑިގުޑަންތަކާއި ފެންބޮޑުވުންފަދަ މައްސަލަތަކެވެ.

މިރަށް އެންމެ ބޮޑަށް އިޝްތިހާރުވެ ނުވަތަ އެހެން މީހުންގެ މަޤްބޫލުކަން އެރަށަށް ލިބިގެންދިޔައީ އެރަށުގައި އޮންނަ ބޮޑު ދިގު މަގުގެ ސަބަބުންނެވެ. އެއް ކިލޯ މީޓަރު ހުންނަ މިމަގު ދެފަރާތުގައި އިންދާފައިވާ ރުއްތަކުން މަގުގެ ހިތްގައިމުކަން ގެނުވިނަމަވެސް އެމަގުގައި އުޅަނދު ދުއްވުމަށާއި، ވާރޭވެހި ފެބޮޑުވާ ދުވަސްތަކުގައި އެ މަގުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެރަށު މީހުންނަކަށް ނުކުރެވެއެވެ. މަގުހެދުމުގެ މަސައްކަތުގެ ދަށުން މިމަގުގައިވެސް ތާރުއަޅާނެއެވެ.