ޚަބަރު

35 އަހަރަށްފަހު މާމެންދޫއަށް ހަމަނޭވާލުމުގެ ފުރުޞަތު، އިންޖީނުގެ އާއްމުން ދިރިއުޅޭ ސަރަޙައްދާއި ދުރަށް


  • 35 އަހަރަށް ފަހު އައު އިންޖީނު ގެއެއް

  • 820 ކިލޯވޮޓުން ދެމުން އައި ކަރަންޓް ކެޕޭސިޓީވަނީ 1060 ކިލޯވޮޓަށް އިތުރުވެފައި

  • ފެންވަރު ރަނގަޅު އޮފީސް އިމާރާތާއެކީ ދެމުން ގެނދާ ހިދުމަތް ފެންވަރު ރަނގަޅު

ސަރުކާރުގެ ސިޔާސަތުގެ ދަށުގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނު ގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލު ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިން ދަނީ އެފަދަ ރަށްރަށުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިގޮތަށް މީހުން ނޫޅޭ ސަރަޙައްދަށް އިންޖީނުގެ ބަދަލު ކުރި އެއްރަށަކީ 1200ހާއި އާބާދީއެއް ދިރިއުޅެމުންދާ ލ. މާމެންދޫއެވެ. މާމެންދޫގައި މީގެ ކުރިން ހުރި އިންޖީނުގެއަކީ 1992 ވަނަ އަހަރު ޚިދުމަތް ދޭން ފެށި އިންޖީނުގެއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް ޙަސަން ރަމީޒް ވިދާޅުވީ، އީންޖީނުގެ ކުރިން ހުރި ސަރަޙައްދުގެ ސަބަބުން އެންމެ ބޮޑު ދައްޗަކަށްވީ އަޑު ގަދަވުންކަމަށެއެވެ.

އެގޮތުން އެ ތަކުލީފުތަކާއިއެކު ވޭތުވެދިޔަ އަހަރުތަކުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން އުޅެމުން ދިޔަކަމަށެއެވެ. ގަދަ އަޑު ތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުންނަށް ރަނގަޅަށް ނުނިދޭކަން ރަމީޒް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު މިއޮތީ އިންޖީނުގެ ހުރި ސަރަޙައްދު މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރަށް ރަށުގެ އުތުރުކޮޅަށް ބަދަލުކޮށްފައެވެ. މިއީ ރަށުގެ ރައްޔިތުންނަށްވެސް އަދި ކައުންސިލަށްވެސް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށް ރަމީޒް ވިދާޅުވިއެވެ.

"އެންމެ ބޮޑު ދައްޗަކަށް އަސްލު ވީ އަޑު ގަދަވުން. ރަށުގެ މެދުގައި ހުރުން އަސްލު މިހާ އުނދަގޫވީ. ވަރަށް ގިނަ ދުވަސް ފަހުން ޙަޤީޤަތުގައި އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދަކަށް ބަދަލު ކުރެވިގެން ދިޔައީ" ރަމީޒް ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވީ، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އިންޖީނުގޭގެ އަޑާއި ހުރެ އުނދަގޫވުމުގެ އިތުރުން އިންޖީނުގެއިން އަރާ ދުމުގެ އަސަރާއި ތެލުގެ އަސަރުންވެސް މިހާރު ރައްޔިތުން ސަލާމަތް ވެފައިވާކަމަށެވެ.

މާމެންދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖާރ ޙުސައިން ހަބީބް ވިދާޅުވީ، އައު އިންޖީނުގެއާއެކީ ރައްޔިތުންނަށް ދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މިހާރު ވަނީ ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވިފައިކަމަށެއެވެ. އެގޮތުން ކަރަންޓު ކެޑުމުގެ މައްސަލަ ހައްލުވެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް މިހާރު ފޯރުކޮށްދެވޭކަން ހަބީބް ފާހަގަކުރެއްވިއެވެ.

ހަބީބް ވިދާޅުވީ، އައު އޮފީސް އިމާތާރެއް ލިބުމަކީވެސް ފެނަކައިން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކޮށްދެއްވި މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން އޮފީސް ޖާގަ ބޮޑުވެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ދެވޭކަން ހަބީބް ފާހަގަކުރެއްވިއެވެ.

"އަސްލު ކުރީގައި ވަރަށް ދަތި ހާލުގައި ހިދުމަތް ދިނީ . ޖާގަ ކުޑަވީމަ. ޑިއުޓީ ބަހައިގެން މަސައްކަތް ކުރަން ޖެހެނީވެސް" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި އައު އިންޖީނުގެއާއެކު، ކަރަންޓު ކެޕޭސިޓީވެސް އިތުރުވެގެންގޮސްފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން 820 ކިލޯވޮޓުން ދެމުން އައި ކަރަންޓް ކެޕޭސިޓީވަނީ 1060 ކިލޯވޮޓަށް އިތުރުވެފައެވެ. އައު އިންޖީނުގޭގައި ކަރަންޓުގެ ވިއުގަ ޒަމާނީ ކުރުމަށް މުޅިން އައު ކޭބަލް ނެޓްވޯކެއް އެޅުމުގެ މަސައްކަތާއި ސޯލާރ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ހަބީބް ވިދާޅުވިއެވެ.

މާމެންދޫ އައު އިންޖީނުގޭގެ ބޮޑުމިނުގައި 252 އަކަމީޓަރު އަދި އޮފީހުގައި 160 އަކަމީޓަރު ހުންނާނެއެވެ. މި އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި އިންޖީން ރޫމަކާއި ސްޓޯރ ރޫމަކާ،އި ޗިމްނީއެއްގެ އިތުރުން ޕޭންޓްރީއެއް ހިމެނެއެވެ. އަދި އޮފީސް ބައިގައި އެޑްމިން އޮފީސް، މީޓިންގ ރޫމް، ރެސްޓް ރޫމް، ޕޭންޓްރީ، މެނޭޖަރ ރޫމަކާއި، ސްޓޯރޭޖް ރޫމެއްވެސް ހިމެނެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ކުދި އާބާދީތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.