ޚަބަރު

ހިމަންދޫގައި ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފަށައިފި


އއ. ހިމަންދޫގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ފަށްޓަވައިދެއްވައިފިއެވެ.

ހިމަންދޫގައި އަލަށް ތަރައްޤީކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ. އަހުމަދު ޒާހިރު ޢަލީއާއި، ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލްއެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީއާއި ހިމަންދޫ ކައުންސިލާ އަދި ރަށުގެ މުވައްސަސާތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.

ހިމަންދޫގައި އަލަށް ތަރައްޤީކުރާ މިސްކިތް އަޅަނީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. މި މިސްކިތް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީއިން ޙަވާލުކޮށްފައިވަނީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކާއެވެ.

ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ވިދާޅުވީ، ރަށުގައި މިހާރު ބޭނުންކުރަމުން އަންނަ މިސްކިތަކީ 30 އަކަށް އަހަރުވީ މިސްކިތެއްކަމަށެވެ. މިހާރު ހުރި މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް ރަށުގެ އާބާދީ ބޮޑުވުމުގެ ސަބަބުން، އިތުރު މިސްކިތެއް ރަށަށް މުހިންމުކަން ހުޝާމް ފާހަގަކުރެއްވިއެވެ.

"ހުކުރު ދުވަސްދުވަހު މިސްކިތް ފުރި ބޭރުގައިވެސް ނަމާދުކުރަން ތިބެންޖެހޭ. އެހެންވެ އިތުރު މިސްކިތެއް ވަރަށް މުހިންމު. ރައްޔިތުންވެސް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމެއް މިއީ. އަދި ބަނދަރު ސަރަޙައްދުގައި މިސްކިތް ބިނާކުރެވުމަކީ ރަށަށްވެސް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމެއް." ހުޝާމް ވިދާޅުވިއެވެ.

މި މިސްކިތް ބިނާކުރުމަށް ދައުލަތުން 10,312,301.43 ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ އެއް އަހަރު ދުވަހުގެތެރޭގައެވެ.

މިސްކިތުގައި ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭނެ ޖާގަވެސް ހުންނާނެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ހިމަންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކައުންސިލާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގައި ދީނީ އެއްބައިވަންތަކަން އިތުރުކުރުމާއި، ރަށަށް މި ދާއިރާއިން އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.