ޚަބަރު

ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ


ދިވެހިރާއްޖެއަކީ އުފެދުމުގައިވެސް ތިމާވެށީގެގޮތުން ނާޒުކުކަމެއް ލިބިފައިވާ ޤައުމެކެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެެއެވެ. ވަކިން ޚާއްސަކޮށް ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މީގެ ތެރެއިން އެއްރަށަކީ ށ. ފުނަދުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅު ވިދާޅު،ވީ ރަށްގިރުމުގެ މައްސަލައަކީ ފުނަދޫއަށް ކުރިމަތިވެފައިވާ ދުވަސްވީ ބޮޑު މައްސަލައެއްކަމަށެވެ. މިގޮތުން ފާއިތުވީ އަހަރުތަކުގައި ރަށުގެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރައްވައެވެ.

ރަށްގިރުމުގެ ސަބަބުން ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް އަޙްމަދު އިބްރާހީމްފުޅު ވިދާޅުވިއެވެ. އެގޮތުން ފުނަދޫގެ 4 ސަރަޙައްދަކުން ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، މީގެތެރެއިން އެއް ސަރަޙައްދަކީ ޢާއްމުން ދިރިއުޅޭ ސަރަޙައްދުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލަ އެސަރަޙައްދުގައި ބޮޑުވުމުގެ ސަބަބުން އެދިމާލުން ގޯތި ދޫކޮށްފައިވާ ބައެއް ފަރާތްތަކުން ގެދޮރު ބިނާކުރުމަށް ފަސްޖެހޭކަން ކައުންސިލުން ފާހަގަކުރައްވައެވެ. އަދި މިވަގުތު ގިރަމުންދާ އެއް ސަރަޙައްދުގައި ރަށުގެ ނަރުދަމާ ނިޒާމުގެ އޮފީސް ހުރިއިރު، އެއޮފީސް ޢިމާރާތަށް ރާޅުޖަހާކަމަށް ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް އަވަސް ޙައްލެއް ބޭނުންވާކަމަށް ފުނަދޫ ކައުންސިލުން ފާހަގަކުރައްވައެވެ.

ފުނަދޫގައި ރަށްގިރުމުގެ މައްސަލަ ބޮޑުވެ، އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަނިކޮށް، އެކަންބޮޑުވުންތަކުގެ އަޑު އައްސަވާ، އެ މައްސަލަ ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށްޓަކާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޓިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވީ މިއަހަރުގެ ޖެނުއަރީ 26 ގައެވެ.

ފުނަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން މިހާރު ވަނީ އެރަށުގައި ސައިޓު މޮބިލައިޒްކޮށްފައެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް ޢަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި 12145 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 670 ކިއުބިކް މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން 7800 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދަކަށް ވެލިއަޅާ، އެވެލިގަނޑު ޙިމާޔަތްކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ކައިރިން 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.