ޚަބަރު

ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަަސައްކަތް ނިމުމަކާ ގާތަށް


ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ހިންނަވަރަކީ އެ އަތޮޅުގެ މުހިންމު ރަށަކަށްވެފައި އެ ރަށް ހިމެނޭ ސަރަޙައްދު ވިޔަފާރީގެ ބާރަކަށް ހެދުމަށް އޮތް ހުރަހަކީ ލަފާފުރުމުގެ ދަތިކަމެވެ. ހިންނަވަރުގެ އުތުރުގައި މީގެކުރިން ބޭނުންކުރަމުން އައީ އެންމެ އިހުގެ ޑިޒައިނަކަށް ހަދާފައިވާ ބަނދަރެކެވެ. ހިންނަވަރަކީ ކޮންމެވެސް ވަރަކަށް މަސްވެރި އުޅަނދުތައް އޮންނަ ރަށެކެވެ. އަދި ރަށުގައި އަމިއްލަ ފަރާތްތަކުގެ ލޯންޗާއި ދޯނި ގިނަ ޢަދަދަކަށް ހުންނައިރު މިރަށަކީ ވިޔަފާރި ބޯޓުތައް ގިނަ ޢަދަދަކަށް އަންނަ ރަށެކެވެ.

ހިންނަވަރުގެ ބަނދަރުން ބައެއް ވެއްޓި ހަލާކުވުމުން ސަރުކާރުން ހިންނަވަރު ބަނދަރުގެ ޖާގަ ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކުރެއްވީ 10 ނޮވެމްބަރު 2020 ގައެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަލަށް ބަލާއިރު، ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ބުނެއެވެ. ހާބަރ ފުންކުރުމާއި، ޝީޓް ޕައިލިންގ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ސައިޓުގައި މިހާރު ކުރިއަށްދަނީ ޕެނެލް ހަރުކުރުމުގެ މަސައްކަތްކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.

ހިންނަވަރުގައި ތަރައްޤީކުރާ އައު ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މި ބަނދަރުގެ މަސައްކަތުގެ ތެރޭގައި 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 421 މީޓަރު އެއްގަމު ތޮށްޓެއް ލުމާއި 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 140.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހިންނަވަރުގެ ކައުންސިލުން ފަހާގަކުރައްވާ ގޮތުގައި މި ބަނދަރުގެ މަސައްކަތް ނިމިގެން ދިޔުމާއެކު ރަށުގެ ރައްޔިތުންނާއި ރަށަށް އަރާފައިބާ މީހުން ލަފާ ފުރުމަށް އުފުލަމުންދާ ތަކުލީފަށް ނިމުމެއް އަންނާނެއެވެ. އަދި އިޤްތިޞާދީގޮތުން އިތުރު ކުރިއެރުންތަކެއް ރަށަށް ގެނުވާނެކަމަށް ހިންނަވަރު ކައުންސިލުން ވިދާޅުވެއެވެ.