ޚަބަރު

ރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރުމަށް މިއީ އުއްމީދީ ދަތުރުފުޅެއް: ރައީސް


ދިވެހިރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގެ ޝަޢުގުވެރިކަން އެބަހުރިކަމަށާއި، ދެ ޤައުމުގެ ދެމެދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ މިކަމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް މިހާރު ކުރައްވަމުންދާގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކާއި، އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތަށްފަހު، ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ސޭޝެލްސްގެ ރައީސްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމަށް ލިބިގެންދިޔަ ތާރީޚީ ކުރިއެރުމެއްކަމަށާއި، ރާއްޖެއާއި ސޭޝެލްސްއަކީ ދުރު ދެ ޤައުމު ކަމުގައިވިޔަސް، މަސައްކަތްތެރިކަމުގެ ރޮނގުންނާއި، އިޤްތިޞާދީ ހަމައެހެންމެ ތިމާވެށީގެގޮތުންވެސް ދާދި އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެ ޤައުމެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަކީ ދެ ޤައުމުންވެސް ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރާ މުހިއްމު މައްސަލަތަކެއްކަމުން، މި ދާއިރާތަކުން ދެ ޤައުމަށް ގުޅިގެން މަސައްކަތްކުރުމާގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށާއި، މިކަމުން ދެ ޤައުމުގެ އިޤްތިޞާދަށްވެސް ފައިދާއާއި މަންފާ ލިބިގެންދާނެކަމަށެވެ.

"ވިސާ ނެގުމަކާނުލާ ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމުކުރުމަކީ ލިބޭ ބޮޑު ކުރިއެރުމެއް. ޚާއްސަކޮށް ފަތުރުވެރިކަން ދެ ޤައުމުގެ ދެމެދު އިތުރުވެގެންދާނެ. އެގްރީމެންޓްގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް ފުޅާވެ، ފަތުރުވެރިކަމަށް ހެޔޮ އަސަރެއްކުރާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއާއި ސޭޝެލްސް ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންގެންދަވާކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެ ޤައުމަށްވެސް މުހިއްމު ކަމެއްކަމަށާއި، އެހެންކަމުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިންގާ ޤާނޫނާއި ޚިލާފު މަސްވެރިކަމާއި، އެކި ބާވަތުގެ ކުށްތައް ހުއްޓުވުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުން މުހިއްމުކަން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދު އުއްމީދީ މަޝްވަރާތަކެއް ކުރެވުނުކަމަށާއި، ކުރެވުނު މަޝްވަރާތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ސޭޝެލްސްއާއި ރާއްޖޭގެ ރައީސުން ގުޅިގެން ދެއްވި ބަޔާނުގައި ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ވަނީ އެމަނިކުފާނަށް ދެއްވި ދަޢުވަތަށާއި، އެމަނިކުފާނާއި، އެމަނިކުފާނުގެ އަރިހުގައި މި ދަތުރުގައި ވަޑައިގެންނެވި ވަފްދަށް ދެންނެވި ހޫނު މަރުހަބާއާއި، މެހްމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި މިއީ އެ ޤައުމުގެ ރައީސަކު ރާއްޖެއަށް ކުރެއްވި މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވާ، ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ސޭޝެލްސްގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ސޭޝެލްސްގެ ރައީސްގެ ވާހަކަފުޅުގައިވެސް ވަނީ މިދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ބަދަލުކުރެވުނު ވީޒާ ވެއިވާ އެގްރީމެންޓާއި، އެއަރ ސަރވިސް އެގްރީމެންޓްގެ މުހިއްމުކަމާއި، މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމަށް ހުރި ފައިދާތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސޭޝެލްސްއިން ރާއްޖެއަށް އަންނަން ބޭނުންނަމަ އެކަމަށް ބޮޑު ޚަރަދެއް އަދި ގިނަ ވަގުތުތަކެއް ހޭދަވާކަމަށާއި، މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ ދެމެދު އޮތް ދުރުމިން ކައިރިކޮށްދީ، މިކަމުން ދެ ޤައުމަށްވެސް ފައިދާތަކެއް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެ ޤައުމުގެ ދެމެދު ސީދާ ދަތުރުތަކެއް ކުރެވޭނެ މަގެއް ކުރިއަކުންނެތް. އަންނަން ބޭނުންނަމަ ދުބާއީ ނޫނީ ކޮންމެވެސް އެހެން މަގަކުން ޓްރާންސިޓް ފްލައިޓެއްގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެން އަންނަން މިޖެހެނީ. މިވެވުނު އެއްބަސްވުންތަކާއެކު ދެ ޤައުމުގެ ދެމެދު ސީދާ ދަތުރުތައް ފެށި، ގާތްގަނޑަކަށް 4 ގަޑިއިރުގެ ފްލައިޓަކުން ރާއްޖެ އާދެވޭނެ" ސޭޝެލްސްގެ ރައީސް ވިދާޅުވިއެވެ.

މި ބަޔާނުގައި ސޭޝެލްސްގެ ރައީސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ބިންތިރި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ދިވެހިރާއްޖެއިން ދައްކަމުންދާ ނަމޫނާއާއި ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަމަށް ތަޢުރީފުކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖޭގެ އިތުރުން ސޭޝެލްސްފަދަ ކުދި ޖަޒީރާ ޤައުމުތަކަށްވެސް ލިބިގެންދިޔަ ބޮޑު ފަޚުރަކާއި ޝަރަފެއްގެގޮތުގައި ސޭޝެލްސްގެ ރައީސް ފާހަގަކުރެއްވިއެވެ.