ޚަބަރު

ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތްތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި


ހއ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ކުރިއަށްދާގޮތް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢަކީ މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.

ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައްވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި، ޖޫނިއަރ ކޮލެޖްގެ މަސައްކަތް ހިނގާ ސައިޓަށް ވަޑައިގެން، މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި މަސައްކަތުގެ އެންމެފަހުގެ މަޢުލޫމާތުތައް އެމަނިކުފާނު އޮޅުންފިލުއްވެވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވަނީ ދިއްދޫ ކައުންސިލާއި ބައްދަލުކުރައްވާ، ޖޫނިއަރ ކޮލެޖްގެ މަސައްކަތްތަކާގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި ކޮލެޖުގައި ހިންގާނެ ޕްރޮގްރާމްތަކާގުޅޭގޮތުން ދިއްދޫގެ ކަމާބެހޭ ފަރާތްތަކުގެ ޚިޔާލާ މަޝްވަރާ ހޯދުމުގެ ބައްދަލުވުމެއްވެސް ވަނީ ބައްވަވާފައެވެ.

ދިއްދޫ ޖޫނިއަރ ކޮލެޖުގައި އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކިޔަވައިދޭން ފަށްޓަވާނެކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިތަނުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޢިމާރާތުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކާއި، ތަނަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތަކެވެ.

ހަމައެހެންމެ ޖޫނިއަރ ކޮލެޖުގައި ކިޔަވައިދެއްވާނެ މުވައްޒަފުން ހޯއްދެވުމާއި، ކިޔަވައިދިނުމުގެ މުޤައްރަރު ތައްޔާރުކުރެއްވުމުގެ މަސައްކަތް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.


ދިއްދޫ ޖޫނިއަރ ކޮލެޖްގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެއެވެ.

އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީވެސް މިތަނުގައި ހުންނާނެއެވެ.

ކިޔެވުމުގެ އިތުރުން މި ޢިމާރާތުގައި ދަރިވަރުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.