ޚަބަރު

އެފްޑީސީގެ 1200 ހައުސިންގ ޔުނިޓެއްގެ ފިނިޝިންގ މަސައްކަތް ނިމުމަކާ ގާތަށް


ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 1200 ހައުސިންގ ޔުނިޓުގެ ފިނިޝިންގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މި ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި، މިއަހަރުގެ ތެރޭގައި މީހުންނަށް ވަދެވޭނެކަމަށް އެފްޑީސީއިން ބުނެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން އަންނަނީ ހުޅުމާލޭގައި 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރަމުންނެވެ. މި ފްލެޓުތަކުގެ ޢަމަލީ މަސައްކަތް އެކި މަރުޙަލާގައި ކުރަމުން އަންނައިރު މީގެ ތެރެއިން ގާތްގަނޑަކަށް 1200 ފްލެޓުގެ މަސައްކަތް މިއަހަރު ނިންމައި ދިރިއުޅެން ފެށޭވަރުވާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން މިހާރު ތަށިމުށި ޖެހުމާއި، ފާޚާނާގެ މަސައްކަތްތަކާއި، ފަންކާ އާއި ލައިޓުތައް ހަރުކޮށް، ދޮރު ހަރުކުރުން ފަދަ ކަންކަން ނިމިފައިވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އެފްޑީސީއިން ބުނީ، ކަނޑައަޅާފައިވާ އުޞޫލުން މި ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކުގެ ލިސްޓު ޖޫންމަހުގެ ތެރޭގައި ޢާއްމު ކުރާނެއެވެ. އެކަމަށް ތައްޔާރުވަމުންދާއިރު، ނަން ލިސްޓު ހާމަކޮށް، އެފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމަށް ވެސް އެކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ވަނީ މި ހައުސިންގ ޔުނިޓުތަކަށް އަންނަ އޮގަސްޓްމަހު މީހުންނަށް ވަދެވޭނެކަމަށް ވިދާޅުވެފައެވެ. މިކަމަށް ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި، އިދާރީ މަސައްކަތްތަކަށް ބޭނުންވާ 50 އިންޓަރނުން ވަޒީފާއަށް ނެގުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. އަދި މިވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ޖޮބް ސެންޓަރ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް އެފްޑީސީއިން އެދެއެވެ.

ރައްޔިތުންނަށް ރައްކާތެރި ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ އުފައްދެވީ 2019 ވަނަ އަހަރުގައެވެ. 4000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް އެފްޑީސީއިން ފެށީ، 2020 ވަނަ އަހަރުގައެވެ. މީގެ ތެރެއިން 1200 އެއްހާ ހައުސިންގ ޔުނިޓުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމެނޭކަމަށާއި މުޅި ޕްރޮޖެކްޓްގެ މަސައްކަތް 2025 ވަނަ އަހަރު ނިމޭނެކަމަށް އެފްޑީސީއިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 32 ޓަވަރެވެ. 17 ފަންގިފިލައަށާއި 18 ފަންގިފިލައަށް ތަރައްޤީކުރާ މި ޓަވަރުތަކުގެ ކޮންމެ ފަންގިފިލައެއްގައި 7 ރެޒިޑެންޝަލް ހައުސިންގ ޔުނިޓު ހުންނާނެކަމަށް އެފްޑީސީއިން ބުނެއެވެ. 650 އަކަފޫޓުގެ 2 ކޮޓަރީގެ އެޕާޓްމަންޓްތަކާއި، 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓް މީގެ ތެރޭގައި ހިމެނޭކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.