ޚަބަރު

އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއެކު، ގަމުގެ މިސްކިތްތަކުގެ ބިލު ދެގުނަ ކުޑަކުރެވިއްޖެ


ލ. ގަމުގެ މިސްކިތްތަކުގައި ސޯލާ ހަރުކޮށްގެން ބޭނުންކުރަން ފެށިފަހުން، ކަރަންޓުބިލު ދެބައިކުޅަ އެއްބައި ކުޑަވެފައިވާކަމަށް ގަމު ކައުންސިލުން ވިދާޅުވެއްޖެއެވެ. ކައުންސިލުން ވަނީ ސޯލާ ބޭނުންކުރަން ފެށުމާއެކު، އެރަށަށް އައި ހެޔޮ ބަދަލާއެކު، ސޯލާ ހަރުކުރުމަށް އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރުމަށް ނިންމައިފައެވެ.

ހަކަތައަށް ކުރާ ހޭދަކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ވަޞީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު އަތޮޅުތަކުގެ ރަށްރަށުގައި ވެސް މިފަދަ މަޝްރޫޢުތައް ހިނގުމަށް ބައެއް ކައުންސިލްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ އެއް ރަށަކީ ލ. ގަމެވެ.

ލ. ގަމު ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އެރަށުގެ މިސްކިތްތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ނިޒާމު ބޭނުންކުރަން ފެށުމާއެކު ގަމު ކައުންސިލަށް ވަނީ މީގެ ފައިދާ ފެންނަން ފަށާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ލ. ގަމު ކައުންސިލް ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، މިސްކިތްތަކުގެ ކަރަންޓު ބިލުތަކަށް ކުރި ހޭދަ ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން 10000 ން މަތީގައި ހުރި ބިލު މިހާރު ދެހާސް ރުފިޔާއަށްވުރެ ކުޑަވެފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ ފެނަކަ ކޯޕަރޭޝަނުން ހާމަކުރާ ގޮތުގައި، އެރަށުގެ 5 މިސްކިތެއްގައި ވަނީ 56.76 ކިލޯވޮޓްގެ ސޯލަރ ހަރުކޮށްފައެވެ. އަދި ގަމުގެ އިޖްތިމާޢީ މަރުކަޒުގައި 13.2 ކިލޯވޮޓްގެ ސޯލަރ ހަރުކޮށް ވަނީ ބޭނުންކުރަން ފަށައިފައެވެ. މިއާއެކު މީގެކުރިން 10800 ރުފިޔާ އަރަމުންދިޔަ މިސްކިތްތަކުގެ ބިލު މިހާރު 1500 ރުފިޔާއަށް ކުޑަވެފައިވާކަމަށް ފެނަކައިން ބުނެއެވެ.

މިވަގުތު ގަމުގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވާ ހުރިހާ މިސްކިތެއްގައި ސޯލާ ހަރުކޮށް ބޭނުންކުރަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ރަށުގެ ބައެއް އެހެނިހެން ސަރަޙައްދުތަކުގައި ވެސް ސޯލާ ހަރުކޮށް، ފެނަކައިގެ މައި ގްރިޑަށް ގުޅާފައިވާކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

ހަމައެއާއެކު ކުރިއަށް އޮތްތަނުގައި ރަށު ސްކޫލާއި، އެހެނިހެން ސަރުކާރު މުވައްސަސާތަކުގެ ފުރާޅުގައި ވެސް ސޯލަރ ޕެނަލް ހަރުކޮށް އޭގެ ފައިދާ ލިބޭނެ މަގު ފަހިކުރުމަށް ކައުންސިލުން ބޭނުންވާކަމަށް ގަމު ކައުންސިލުން ވިދާޅުވެއެވެ.

ސަރުކާރުން ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށްގެންދާ އެރައިސް މަޝްރޫޢުގެ ދަށުންވެސް ސޯލަރ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމުގެ މަސައްކަތް ހައްދުންމަތީގެ ގުޅިފައިވާ ރަށްރަށުގެ ބޮޑު މަގުތަކުގެ މެދުގައި އަންނަނީ ކުރަމުންނެވެ. މިއާއެކު ހަކަތައިގެ ދާއިރާއިން ހައްދުންމައްޗަށް ވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ.

މީގެއިތުރުން ބައެއް އަމިއްލަ ފަރުދުންގެ ގޭބިސީތަކުގައި ސޯލަރ ޕެނަލް ހަރުކޮށް ފެނަކައާ ގުޅިގެން ހަކަތަ އުފައްދާ އޭގެ ނަފާ ޢާއްމުނަށް ލިބެމުންދާކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ރާއްޖޭގައި ހިންގަމުންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއެކު ރާއްޖޭގައި މިވަގުތު 53 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ އަންނަނީ ބޭނުންކުރަމުންނެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒުހުރީ، 2030 ގެ ނިޔަލަށް ރާއްޖެއަކީ "ނެޓް ޒީރޯ" ނުވަތަ ޖައްވަށް ވިހަ މާއްދާތައް ދޫކުރުން ހުއްޓާލާ ޤައުމަކަށް ހެދުމަށެވެ.