ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކޮށްފިއެވެ.
ދަރުމަވަންތަ މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކުރުމާއި ކޮމިޝަންކުރުމުގެ ރަސްމިއްޔާތު އޮތީ މިރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިރަސްމިއްޔާތުގައިވަނީ ދިވެހިރާއްޖޭގެ ފަރާތުން ތުރުކީ ސަރުކާރަށް ޝުކުރުގެ ހަނދާނީ ލިޔުމެއްވެސް ހަވާލުކުރައްވާފައެވެ.
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.
އެއަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ޚިދުމަތް ފެށުމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާވަނީ ހަވާލުކޮށްދެއްވާފައެވެ. ޤައުމީ ދިދަ އާއި ޚިދުމަތް ފެށުމުގެ ލިޔުމާއި ހަވާލުވެލެއްވީ ދަރުމަވަންތަ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޙަސަން ޝިނާންއެވެ.
އަސްކަރީ މަނަވަރު ކަމިޝަން ކުރުމުގެ ގޮތުން ސިފައިންވަނީ މަނަވަރުގައި ޚާއްސަ ޑްރިލްއެއް ބާއްވާފައެވެ.
މިރަސްމިއްޔާތުގައި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒް ދެއްކެވި ވާހަކައިގައި ކުރިމަގުގައި ރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިމަނަވަރަކީ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން ރަމްޒްކޮށްދޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމެވިކަން ދިފާއީ ވުޒާރާއިން ހާމަކުރެއްވީ މިއަހަރުގެ އޭޕްރީލު މަހުގެ ތެރޭގައެވެ.
މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް، ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އުޅނަދެއްކަމަށް ދިފާއީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.
މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވެގެންދިޔުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބުނު ބޮޑު އެހީއެކެވެ. މިއީ އެ މަސައްކަތުގައި ދިވެހި ސިފައިންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މަނަވަރު ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ މަނަވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް ދާއިރާއެވެ. އެގޮތުން އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފަށްޓަވައިގެންވެސް މިސިޔާސަތުތައް ތަންފީޒުކުރައްވަންވަނީ ފަށްޓަވާފައެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމާ ހަވާލުވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ވަނީ ތަޢާރަފްކުރައްވާފައެވެ. ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީވެސް ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.