ޚަބަރު

ރ. އިންނަމާދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމުމަކާ ގާތަށް


ރ. އިންނަމާދޫގައި ރައްކާތެރި ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރީ 2018 ވަނަ އަހަރު އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. މި މަސައްކަތަށް 5 އަހަރު ވެގެން ދާއިރު މަސައްކަތް މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް ކޮންޓްރެކްޓަރާއި ޙާވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ހަވާލުކޮށްފައި ހުރި މަސައްކަތްތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތައް ނިންމެވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. އެގޮތުން އިންނަމާދޫ ނަރުދަމާގެ މަސައްކަތްވެސް ނިންމާ އަވަހަށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރެއްވެން ހުރި ގިނަ މަސައްކަތްތަކެއް ސަރުކާރާ ކައުންސިލް ގުޅިގެން ކުރައްވާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ ގޭބިސީތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭގޮތަށް 208 ކަނެކްޝަނެއް ވަނީ ވައްދާފައެވެ. މީގެއިތުރުން ރަށުގެ އެކި ސަރަހައްދުތަކުގައި ފަސް ޕަންޕް ސްޓޭޝަން ބަހައްޓާ 6 ކިލޯމީޓަރަށްވުރެ ދިގު ނަރުދަމާ ނެޓްވޯކްގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. އަދި ސީ އައުޓް ފޯލްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

މި މަސައްކަތް މިހާރު ނިމުމަކާ ގާތައް ގޮސްފައިވާއިރު، އެޚިދުމަތް ކުރިއަށް މިއޮތް ތިން މަހެއްހާދުވަހުގެ ތެރޭގައި ރައްޔިތުންނަށް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް އިންނަމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒްމީން ވިދާޅުވިއެވެ.

"މިކަމަށް އެދިއެދި ތިބޭތާ މިހާރު ފަސް އަހަރުވެގެން މިދަނީ، އެކަމު ސަރުކާރުން ކުރި ބުރަ މަސައްކަތުން މިހާރު މި މަސައްކަތް މިވަނީ ނިމުމަކާގާތަަށް ގޮސްފައި. އަދި ރައްޔިތުންގެ އުންމީދަކީވެސް އެއީ. ވީއެންމެ އަވަހަކަށް ޚިދުމަތް ލިބުން" އިންނަމާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނަރުދަމާގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންނަމާދޫ ކައުންސިލްގެ ރައީސް އަޙުމަދު އަޒްމީން ވިދާޅުވީ، މިކަމަކީ މިހާރުން މިހާރަށްވެސް ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ޚިދުމަތެއް ކަމަށާއި، މިމަސައްކަތް ނުނިމިދާ ކޮންމެ ދުވަހަކު އެތައް ފައިސާއެއް ރައްޔިތުންގެ އަތުން ޚަރަދުވާ ކަމަށެވެ.

އެރަށުގައި މިހާރު ނަރުދަމާ ބޭނުން ކުރަނީ ގެވަޅުތަކުގައި ޖަންކްޝަން ހަދައިގެންނެވެ. ރާއްޖޭގައި ނަރުދަމާނެތް ރަށްރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް އިންނަމާދޫ މީހުންވެސް މިވަޅުގަނޑުތައް ފުރުމުން އެ ސާފު ކުރުމަށް އެތައް ފައިސާއެއް ޚަރަދު ކުރާކަމަށް ކައުންސިލްގެ ރައީސް އަޙުމަދު އަޒްމީން ވިދާޅުވިއެވެ.

"މިއީ ހިލޭ ކުރެވޭކަމެއް ނޫން މަހަކު އެއްފަހަރު ތިންގެ ނުވަތަ ހަތަރުގޭގެ ޖަންޝަން ފުރިގެން އުކާލުމަށް ފައިސާ ޚަރަދު ކުރަންޖެހޭ. މިއީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން، މިކަމުގެ މަސައްކަތް ނިމި ހައްލު ލިބުމަކީ މިހާރު ކުރެވޭ ވަރަށްބޮޑު އުންމީދެއް އަދި ފައިސާކޮޅެއް ރައްކާކުރުމަށް ރައްޔިތުންނަށް ލިބޭނެ ފަހިމަގެއް" އިންނަމާދޫ ކައުންސިލްގެ ރައީސް އަޙުމަދު އަޒްމީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނުން އެރަށުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށާއި، ނުނިމިހުރި މަސައްކަތްތައް ކުރުމަށް އެމްޑަބްލިއުއެސްސީ އާ ހަވާލުކުރުމަށް ޕްލޭނިންގް މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިހާރު ނުނިމިވަނީ އިތުރު 12 ކަނެކްޝަނެއް ގުޅާ މިއާގުޅޭ ނަރުދަމާ ލައިނެއް އެޅުމުގެ މަސައްކަތެވެ.