ޚަބަރު

ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށައިފި


ކުޅުދުއްފުށީގައި ތަރައްޤީކުރާ 400 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ. މިހާރު ވަނީ ޓަވަރުތަކުގެ ފައުންޑޭޝަންގެ މަސައްކަތް ފަށާފައެވެ.

ކުޅުދުއްފުށި ސިޓީއަކީ އުތުރުގެ އެންމެ އާބާދި ބޮޑު ރަށެވެ. 9000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ، ކުޅުދުއްފުއްޓަކީ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ސިޓީއެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި އެރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވާ 1200 އަށްވުރެ ގިނަ މީހުން މިހާރުވެސް އެބަތިއްބެވެ. އެއް ގެއެއްގައި، އެތަށް ޢާއިލާއެއް ދިރިއުޅެމުން އަންނަ ގެތަށް އެބަހުއްޓެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ލުޔެއް ހޯއްދަވައިދެއްވުމަށް ނިންމަވާ، އެރަށުގައި ބޮޑު ހައުސިންގ މަޝްރޫޢުއެއް ކުރިއަށްގެންދަވާނެކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. މީގެދަށުން ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ނިންމަވާ އެ މަސައްކަތް ސަރުކާރުން ކޮންޓްރެކްޓަރާ ޙަވާލުކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.

އެކުންފުންޏާއި ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ކުޅުދުއްފުށީގައި 11 ފަންގިފިލާގެ 5 ޓަވަރު އެޅުމަށެވެ.

ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވީ، މި 400 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ރަށުގައި ފަށާފައިވާކަމަށެވެ. އެގޮތުން 5 ޓަވަރުގެ ފަރުންޑޭޝަނާގުޅޭ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެތެރެއިން ފުރަތަމަ ޓަވަރުގެ ފައުންޑޭޝަންގެ ކޮންކްރީޓްގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ފަށާނެކަމަށް ޕްލޭނިން މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ދެން ހިމެނޭ ޓަވަރުތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތަށް ދަނީ ތައްޔާރުވަމުންނެވެ.

މި 5 ޓަވަރުގައި ކޮންމެ ފަންގިފިލާއެއްގައި 8 އެޕަރޓްމަންޓް ހުންނާނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި ތަރައްޤީކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 1000 އަކަފޫޓު ހުންނާނެއެވެ. އަދި މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން އެ ސަރަޙައްދުގައި ޕާކަކާއި، ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއްވެސް ޤާއިމުކުރެވިގެންދާނެއެވެ.

ޓަވަރުތަކުގެ އެންމެ ތިރީ ބައި ޚާއްސަކޮށްފައިވަނީ ވިޔަފާރީގެ ބޭނުމަށް ޖާގަދޫކުރުމަށާއި، މެއިންޓަނަންސް އޮފީހަށެވެ. އަދި އެތަނުގައި ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރެވޭނެ ޖާގަދެވޭނެކަމަށާއި، މުޅި ޢިމާރާތުގައި 2 ލިފްޓުވެސް ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.