ޚަބަރު

ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައި ހަމަކުރަންޖެހޭ: ނާއިބު ރައީސް


ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަޞީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައި ހަމަކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށްޓެވުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ކުށުގެ ވެށްޓަށާއި، ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އެއާ އެއްވަރަށް ޖިނާޢީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރަތައްވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި، ވަޞީލަތްތައް ލިބިދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނާއިބު ރައީސް ވިދާޅުވީ، ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައި، މި ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ޢަދުލްއިންޞާފު ޤާއިމްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައްވެސް ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އާބާދީ ކުޑަކަމާއި، އެކަކު އަނެކަކާ ގާތްކަން އޮންނަ މުޖުތަމަޢަކަށް ވުމުން ނުކުންނަ މަސައްލަތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލްއިންޞާފް ކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ޤައުމިއްޔަތަކަށް ބަލައި ތަފާތުކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރު ދިވެހިރާއްޖޭގެ މުޅި ޤާނޫނު އަސާސީ އަލުން އިޞްލާޙްކޮށް އެކުލަވާލުމުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ މުސްތަޤިއްލު ގޮތެއްގައި ތަޙުޤީޤުތަަކާއި ޝަރީއަތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދައްކަނީ އަދުލު އިންސާފުގެ ވާހަކަ. އަޅުގަނޑުމެން މީހެއްގެ މައްޗަށް ހުކުމެއް ނިންމުމެއް ނިންމާކަމަށް ވަންޏާ އަދުލުވެރިކަމެއް އޭގައި އޮންނަންޖެހޭ. އަދި ވަކިން ޚާއްސަކޮށް ކަންކަން ހިންގަން ތިބޭ ފަރާތްތައް ކަމުގެ މަސްއޫލު ފަރާތްތަކުގެ މައްޗަށް އޮންނަ އެންމެބޮޑު ވާޖިބަކީ އިންސާފުން ކަންތައްތައް ކުރުން" ނައިބް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. ދެބަޔެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. އަދި މިނިޒާމްގެ ތެރޭގައި ހިމެނޭ ތަފާސް ހިސާބު މަޢުލޫމާތުތައް ޢާއްމު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުންނާނެއެވެ.

"އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އިންސާފަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ހެޔޮވެގެން މާރަނގަޅު ބަޔަކަށް ވެގެން ދޭ ރިވޯޑެއްގެ ގޮތުގައި އޮންނަން ޖެހޭ އެއްޗެއްނޫން. އެއީ ކޮންމެ މީހަކަށްވެސް ހައްގުވާ އެއްޗެއް. އަޅުގަނޑުމެން އެއްވެސް މީހެއްގެ ހިތުތެރޭގައި ހިތްހަމަ ނުޖެހުމެއް ނުތަނަވަސްކަމެއް އޮންނަ އޮތުމަކީވެސް އެމީހަކަށް އިންސާފު، އަދި އަދުލުވެރިކޮށް ކަންކަން ނުގެންދަންޖެހޭނެ ކަމަކަށް ވެގެން ނުވާނެ" ނައިބް ރައީސް ވިދާޅުވިއެވެ.

ނާއިބް ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ އިސްކަންދެއްވި އެއްކަމަކީ އަދުލު އިންސާފު ދާއިރާ ހަރުދަނާކުރައްވައި، އެއް ހަމަޔަކުން ވަޞީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދެއްވުން ކަމަށެވެ. އެގޮތުން މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ތަޙްޤީޤީ އިދާރާތަކަށާއި، ޝަރުޢީ ދާއިރާއަށް ޒަމާނީ ގިނަ ވަޞީލަތްތަކާއި، ޤާނޫނީ ގިނަ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައި ދެއްވާފައި ކަމަށެވެ.

"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާޙް ކުރެވުނު، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.