ޚަބަރު

ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް ނިޒާމާއެކު ކޮރަޕްޝަން ނައްތާލުމަށް އިތުރު ބާރެއް ލިބިދޭ: ޕީޖީ


ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް ނިޒާމެއް ތަޢާރުފްކުރެވި ޢަމަލުކުރަން ފެށުމަކީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ، "ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވެލް ކޮންފަރެންސް" ފެށުމަށް ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރައްވައިފައިވާ ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް ވަނީ އިފްތިތާޙުކުރައްވައިފައެވެ.

މި ކޮންފަރެންސަކީ ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް ނިޒާމަށް އަހުލުވެރިކުރުމަށާއި، މި ނިޒާމާގުޅޭ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކަށް ޚާއްޞަކުރައްވައިން ބާއްވަވާ ކޮންފަރެންސެކެވެ. ދެބަޔަކަށް ބެހިގެންވާ މިޓޭޑާ ބޭސްގެ ސަބަބުން ޖިނާޢީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި ޓޭޑާ ޙިއްޞާކުރެވޭނެ ގޮތްތަކެއް ތަޢާރުފްކުރެވޭނެއެވެ. މިއާއެކު މިނިޒާމުގެ ތެރޭގައި ހިމެނޭ ތަފާސްހިސާބުތައް އާންމު ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެއެވެ. ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް ނިޒާމު އިފްތިތާޙްކުރައްވައި، މި ކޮންފަރެންސް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވިދާޅުވީ، ކުށްކުރުން ހުއްޓުވުމަށް އުފައްދަވައިފައިވާ އިދާރާތަކުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި މަޢުލޫމާތު ޙިއްޞާކުރައްވައި، ވަޞީލަތްތައް ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ޖިނާޢީ އަދުލުގެ ނިޒާމު ތަންފީޒުކުރުމުގައި ހާމަކަން ބޮޑުކޮށް މަސައްކަތް ކުރައްވަން ތަޢާރުފްކުރެއްވި ނިޒާމާއެކީ، ކަމާއި ގުޅުންހުރި އިދާރާތަކަށް އިތުރު ފަސޭހަތަކެއް ލިބޭނެކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ ސިނާޢަތްތަކަށް ބަލާއިރު، ރާއްޖެއަކީ ހަމަޖެހުމާއި މަޞްލަޙަތު އޮތް ހެޔޮވެރިކަމުގެ ނިޒާމު ހިނގާ ޤައުމަކަށް ވުމަކީ އިންވެސްޓަރުންނަށް ލިބޭނެ އިތުބާރެއްކަމަށް ޕީޖީ ވިދާޅުވިއެވެ. މިކަން ކުރެވޭނީ ހާމަކަންބޮޑުކޮށް، ކުރެވޭ މުޢާމަލާތްތަކާއި، ކަންތައްތައް ޙިއްޞާކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތް މީހުން ބަލައި ގަންނާނީ އެކުރާ މަސައްކަތާއި އޭގައިން ނެރޭ ނަތީޖާ ސާފުކޮށް ފެންނަން އޮވެގެން. އަޅުގަނޑަށް ފެންނަ ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން. އޭގެ ފުޅާމާނާގައި ކޮރަޕްޝަަން. ކޮރަޕްޝަން ނައްތާލުމަށް ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރަކީ ހާމަކަމާއިއެކު މައުލޫމާތު ހާމަކުރުން. ޓްރާސްޕޭރެންސީ އިތުރު ކުރުން." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޖިނާޢީ ޢަދުލުގެ ނިޒާމު ތަންފީޒުކުރުމުގައި މިހާރު ހުރި ގިނަ ގޮންޖެހުންތަކަށް މިޑޭޓާ ބޭސްއާއެކު ޙައްލު ލިބިގެންދާނެކަމަށް ޕީޖީ ވިދާޅުވިއެވެ. މި ނިޒާމުގެ ތެރެއިން ފުލުހުން މައްސަލައެއް ރަޖިސްޓްރީ ކުރާއިރު، ގުޅުންހުރި އިދަރާތައް އެ މަޢުލޫމާތުތައް ޙިއްޞާ ކުރެވޭނެއެވެ. އަދި ޖިނާޢީ އަދުލުގެ ނިޒާމު ތަންފީޒުކުރާ އިދާރާތަކުގައި ހުންނަ މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރުމުގައި މީގެ ކުރިން ތިން ހަތަރުމަސް ހޭދަވާ ހޭދަވުން ކުޑަ ވަގުތުކޮޅެއްގައި ހިއްޞާކުރެވި މަޢުލޫމާތު ބަދަލުކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.

މިޓޭޑާބޭސް ފަރުމާކުރައެވައިފައިވަނީ ޖަވާބު ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށެވެ.