ތަރައްްޤީ

ރ. އިންނަމާދޫ ފެނުގެ މަޝްރޫޢާއެކު، ފެނުގެ މައްސަލައަށް ދާއިމީ ޙައްލެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން، އަވަހަށް ނިންމެވުމަށް މަސައްކަތްކުރާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ ފެނާއި ނަރުދަމާ ޤާއިމްކުރެއްވުންފަދަ ރައްޔިތުން އެންމެ ބޭނުންޖެހިފައިވާ މަޝްރޫޢުތަކެވެ. އެގޮތުން މިހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމުކޮށްދިނުމަށް އަމާޒު ކަނޑައަޅުއްވައިގެން އެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުކޮށްފައި ވަނީ 37 ރަށުގައެވެ. އަދި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވަނީ 69 ރަށުގައެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގެ %20 ރަށެވެ. އަދި ނަރުދަމާ އޮތީ %37 ރަށުގައެވެ. ފެން ނުވަތަ ނަރުދަމާ ނުވަތަ ފެނާއި ނަރުދަމާގެ އެއްވެސް މަސައްކަތްތެއް ނުފަށާ 141 ރަށް އޮތެވެ.

އިޤްތިޞާދީގޮތުން ރަށެއް ކުރިއަރައި ދިއުމަށް އެރަށަކަށް ބޭނުންވާ އަސާސީ ޙިދުމަތްތައް މުހިންމެވެ. މިޒަމާނަކީ ފަތުރުވެރިކަން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށްވެސް ފުޅާވަމުންދާ ދުވަސްވަރެއްކަމުން، ރައްޔިތުންނަށް މާލީގޮތުން ފައިދާވާ މިފަދަ މަސައްކަތްތަކަށް، ކޮންމެހެން ބޭނުންވާ ޙިދުމަތްތައް ޤާއިމްކުރުން މުހިންމެވެ.

ރަށްރަށުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން ފައިބަރުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރ. އިންނަމާދޫގައި ފެނުގެ ޙިދުމަތް ޤާއިމްކޮށް، ޙިދުމަތްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރ. އިންނަމާދޫގައި ފަތުރުވެރިކަމާއި ގުޅޭ ވިޔަފާރިއެއް ނުކުރިނަމަވެސް އެރަށަކީ ސިނާއީ މަސައްކަތް ފުޅާދާއިރާއެއްގައި ރާއްޖޭގައި ކުރަމުންދާ ރަށްތަކުގެ ތެރެއިން ރަށެކެވެ.

ފައިބަރު އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރާ އިންނަމާދޫ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ފެނުގެ މައްސަލައެވެ، ވާރޭ ފެން ރައްކާތެރި ގޮތެއްގައި ނުނެގުމާއި، ބާޒާރުގައި ވިއްކަން ހުންނަ ފެން ގަންނަންޖެހުމެވެ. ވާރޭފެން ރައްކާތެރިގޮތެއްގައި ނުނެގެނީ ފައިބަރު ކުނޑި ފުރާޅުތަކަށް ބުރާފައި ހުންނާތީއެވެ.

އިންނަމާދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒުމީން ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބިގެންދާނެކަމަށެވެ. އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ، އެ މަސައްކަތް ނިންމާ ޙިދުމަތް ދިނުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ.

މި މަޝްރޫއުގެ ދަށުން އާރުއޯ އިމާރާތް އަޅާ ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ، އެއިިން އުފައްދާ ފެން ރައްކާކުރުމަށް 290 ކިއުބިކް މީޓަރުގެ 2 ތާންގީއާއި ވާރޭފެން ރައްކާކުރުމަށް 1010 ކިއުބިކް މީޓަރުގެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ނިިމިފައިވާކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، ފެން އުފެއްދުމަށް ބެހެއްޓި އާރްއޯ ޕްލާންޓުން ފެން އުފެއްދުމަށްފަހު، އެ ފެނުގެ ތަހުލީލްތައްވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ޕްލާންޓުން މޫދަށް އަޅާ ހޮޅިއެއް އެޅުމުގެ މަސައްކަތްކަމަށާއި، އެ މަސައްކަތް ނިމުމުން މި ޙިދުމަތް އެރަށުގައި ދޭން ފެށޭނެކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 8.33 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަޅާ، ސަރުކާރު މުއައްސަސާތަކާއި ގެތައް ހިމެނޭގޮތަށް 215 ކަނެކްޝަން ވަނީ ގުޅައިދީފައެވެ.