ޚަބަރު

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް ބޭނުންވާ 48 މަޝްރޫޢެއް ނިމިއްޖެ: މިނިސްޓަރ


ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 48 މަޝްރޫޢެއްގެ މަސައްކަތް ނިންމާ ޢިމާރާތްތައް ބޭނުންކުރަން ފަށާފައިވާކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޢަލީ ވަނީ ސަރުކާރުން ތަޢުލީމީ ދާއިރާގައި ކުރައްވަމުންގެންދާ އެކި މަސައްކަތްތަކުގެ ތަފްޞީލު ދެއްވާފައެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތުގެ ތެރޭގައި ތަޢުލީމީ ދައިރާއިން ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއްދަންފަޅިއަށް ބަދަލުކުރުމަށް 248 މަޝްރޫޢު ބަޖެޓުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރެއިން މިވީ 4 އަހަރުގެ ތެރޭގައި 48 މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ޢިމާރާތްތައް ބޭނުންކުރަން ފަށާފައިވާކަމަށް މިނިސްޓަަރ ވިދާޅުވިއެވެ. އަދި އިތުރު 114 މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބާކީ ހުރި މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރާއި ޙަވާލުވެފައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރު ސްކޫލްތައް ސިންގަލް ސެޝަންތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތިން. އެ ޕްލޭނާއިއެކު މިވީ 4 އަހަރުތެރޭގައި ބަޖެޓް ކުރެވި ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކުރިއަށް އެބަދޭ. އެގޮތުން މުޅިއެކު 248 މަޝްރޫޢެއް ބަޖެޓުކުރެވިފައިވޭ" މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި 1780 ކްލާސްރޫމްއާއި، 95 މަލްޓިޕަރޕަސް ހޯލްއާއި، 596 އެހެނިހެން ޢިމާރާތުގެ ޕްރޮޖެކްޓް ހިމެނޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ. އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ލެބޯޓްރީއާއި، ލައިބްރަރީއާއި، ފާޚާނާތަކާއި، އޮފީސް ޢިމާރަތްފަދަ ތަންތަން ހިމެނޭކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ސަރުކާރުގެ 217 ސްކޫލްގެ ތެރެއިން 156 ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދެމުން އަންނަ ސްކޫލްތަކެވެ. ބާކީ ހުރި ސްކޫލްތައްވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ތަޢުލީމީ ދާއިރާއިން މިވީ 4 އަހަރު ތެރޭގައި ސަރުކާރުންވަނީ 1316 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.