ޚަބަރު

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް މިމަހު ނިންމަނީ


އަތޮޅުތެރޭގައި އަޅާ ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓް ޢިމާރާތުގެ ގިނަ މަސައްކަތްތައް ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ނިންމާލައިފިއެވެ. މި ހާފްވޭ ހައުސް ހަދަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. ހޯރަފުށީގައެވެ.

ހޯރަފުށީގައި ހަދާ މި ހާފްވޭ ހައުސް ޔުނިޓްގެ އެންމެހާ ކަންކަން ބަލަހައްޓާނީ، ހޯމް މިނިސްޓްރީގެ ދަށުން އުފައްދާފައި އޮންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުންނެވެ. މި ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާން ކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތުގައި ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނެރުމަށް ތައްޔާރު ކުރާ ޕްރޮގްރާމްތައް ހިންގުމަށާއި އެކުދިން ބައިތިއްބުމަށް ހަދާ ތަނެކެވެ.

ހޯރަފުށީގައި އަޅާ ޖުވެނައިލް ޖަސްޓިސް ހާފްވޭ ހައުސްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައެވެ. މިއީ 10،000 އަކަފޫޓުގެ ބިމެއްގައި ހަދާ ތަނެކެވެ. މި މަސައްކަތަކީ އެކި ކުށްކުށުގައި ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންނަ، 18 އަހަރުން ދަށުގެ ކުޑަކުދިން ބޭތިއްބުމަށް ހަދާ ތަނެކެވެ.

ހާފްވޭ ހައުސް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސްް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިންނެވެ. އެގޮތުން ޢިމަރާތުގެ ކޮންކްރީޓް މަސައްކަތާއި، ފުރާޅުގެ ސްޓްރަކްޗަރގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޢިމާރާތުގެ ފުރާޅު ޓިނު ޖެހުމުގެ މަސައްކަތްތައްކަމަށް އެމް.ޓީ.ސީ.ސީއިން މަޢުލޫމާތުދެއެވެ. ދެން ކުރިއަށްދާނީ ޢިމާރާތުގައި ސިމެންތިޖެހުމާއި، އެތެރޭގެ މަސައްކަތްތަކެވެ.

އެމް.ޓީ.ސީ.ސީއިން މަސައްކަތް ކުރަމުންދަނީ މި އޭޕްރިލް މަހުގެ ނިޔަލަށް ޢިމާރާތުގެ މަސައްކަތްތައް މުޅިން ނިންމުމަށްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 5 މަސްދުވަހުން ނިންމާގޮތަށް، 5.99 މިލިއަން ރުފިޔާއަށެވެ.

ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެއެވެ.

ޖުވެނައިލް ޖަސްޓިސް ނުވަތަ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ މުހިންމު ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ.

މީގެދަށުން މިދިޔަ އަހަރު ވަނީ އެކި ކުށްތަކުގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއްމު ނިޒާމުގެ ތެރެއިން ތަޢުލީމު ދިނުމަށް އެކަމަށް ބޭނުންވާ ކްލާސްރޫމް، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހަދާ ކިޔަވައިދޭން ފަށާފައެވެ.