ޚަބަރު

ފަތުރުވެރިކަމަށް ލިބޭ ކުރިއެރުމާއެކު ރާއްޖޭގެ އިޤްތިޞާދު 6 އިންސައްތައިން ކުރިއަރާނެ: ވޯލްޑް ބެންކު


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ބޮޑެތި ކުރިއެެރުންތަކާއެކު މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދު 6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ އިޤްތިޞާދީ ހާލަތު ދިރާސާކޮށް ނެރޭ "ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް ރިޕޯޓް"ގައި ވަނީ ރާއްޖޭގެ އިޤްތިޞާދީ އޮތް ހާލަތާއި ހުރި ދަތިތަކަކާއި ލިބެމުންދާ ކުރިއެރުންތައް ފާހަގަކޮށްފައެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ އިޤްތިޞާދީ ހާލަތު ދިރާސާކޮށް ވޯލްޑް ބެންކުން ނެރުނު ރިޕޯޓްގައި ބުނީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު މަޑުޖެހުނުނަމަވެސް، ކޯވިޑްގެ ކުރިން އޮތް ހިސާބަށް އިޤްތިޞާދު އަލުން އިއާދަވެފައިވާކަމަށެވެ. އަދި ފަތުރުވެރިިކަމުގެ ސިނާއަތަށް މިހާރު ލިބެމުންދާ ހަލުވި ކުރިއެރުންތަކާއެކު އިޤްތިޞާދީ ކުރިއެރުން ރާއްޖެއަށް ދެމެހެއްޓޭނެކަމަށްވެސް ރިޕޯޓްގައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ 3 ބައިކުޅަ 1 ބައި ފަތުރުވެރިކަން ހިއްސާކުރާއިރު ކޯވިޑަށްފަހު އެ ސިނާއަތް ކުރިން އޮތް ހިސާބަށް ވަރަށް އަވަހަށް ގެންދެވިފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުތަކެއް ކުރާނެކަމަށް ބެލުވުނަސް، ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ވޯލްޑް ބެންކުން ފާހަގަކުރެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓްގައި އިންޑިއާއާއި މެދު އިރުމަތީގެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާތީ މިދިޔަ ދުވަސްތަކުގައި ޗައިނާއާއި ޔޫރަޕްގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވިތަން އިޤްތިޞާދުން ނުދައްކާކަމަށެވެ.

ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާއިރު އެކަމުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރައި، ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯވިޑްގެ ކުރިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަދަދާއި ގާތަށް މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން ރިއަލް އެސްޓޭޓް، ޓްރޭޑް އަދި ޓްރާންސްޕޯޓް ސެކްޓަރަށްވެސް ކުރިއެރުންތައް ލިބިފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ކުރިއަށް އޮތްތަނަށް ލަފާކޮށް ވޯލްޑް ބެންކުން ބުނީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތާއެކު ރާއްޖޭގެ އިޤްތިޞާދު މެދުރާސްތާގައި 6 އިންސައްތައިން ކުރިއަރާނެކަމަށެވެ. އަދި ޗައިނާ މާކެޓަށް ރާއްޖެ ހުޅުވާލުމާއި އިންޑިއާއާއި ރަޝިޔާއިން އަންނަ ފަތުރުވެރިން އިތުރުވަމުން ދިއުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތްވެސް މިދިޔަ އަހަރާއި ބަލާއިރު މިއަހަރު 7.1 އިންސައްތަ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއާއި އަލަށް ހަދާ ރިސޯޓްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތަަށް އިތުރު ކުރިއެރުންތައް އަންނާނެކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބެންކުން ފާހަގަކުރާ ގޮތުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދިއުމުގެ ސަބަބުން، އެކަމުގެ މާލީ ބުރަތަކެއް ސަރުކާރުން އުފުލަންޖެހެއެވެ. އަދި ތެލާއި، ކާޑާއި، ހިލޭ ސިއްހީ ފަރުވާއާއި ބޭސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ ހަރަދުތައް ކުޑަކުރުމަށް، ސަރުކާރުން ދޭ ސަބްސިޑީތައް މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ހަމަޖެއްސުމަށްވެސް ވޯލްޑް ބެންކުން ވަނީ ލަފާދެއްވާފައެވެ.

ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ވޯލްޑް ބެންކުގެ އިތުރުން، ބައިނަލްއަޤްވާމީ އެހެން މާލީ އިދާރާތަކުންވެސް ދަނީ ފާހަގަކުރަމުންނެވެ. ސަރުކާރަށް ފާޑު ކިޔާ ބައެއް ފަރާތްތަކުން ދަރަނީގެ ވާހަކަ ދެއްކިނަމަވެސް، ދައުލަތަށް ނަގާފައިވާ ދަރަނިތައް ދެއްކުމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާކަމުގެ ޔަގީންކަން ސަރުކާރުން ދަނީ ރައްޔިތުންނަށް ދެއްވަމުންނެވެ.