ޚަބަރު

ޣާޒީ ބިލްޑިންގ ތަޅާލުމަށްފަހު ޕާކިންގ ޒޯނެއް ހަދަނީ


ސަރުކާރުގެ ބައެއް އޮފީސްތައް ހިންގުމަށް ބޭނުންކުރާ ޣާޒީ ބިލްޑިންގ ތަޅާލުމަށްފަހު، އެތަނުގައި ޕާކިންގ ޒޯނެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލުމާތުދެއްވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ޣާޒީ ބިލްޑިންގ ތަޅާލުމަށް ނިންމީ، އެ ޢިމާރާތް ބޭނުން ނުކުރެވޭ ވަރަށް ބައުވެ ހަލާކުވެފައިވާތީކަމަށެވެ. އަދި އެ ޢިމާރާތަކީ މިހާރު ބޭނުންކުރުމަށް އެކަށީގެންވާ އެންމެ ރައްކާތެރި ޢިމާރާތެއްނޫންކަމަށެވެ.

އަކްރަމް ވިދާޅުވީ، ޣާޒީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް މި ރަމަޟާންމަހަށްފަހު، އޭޕްރީލް ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ޢިމާރާތް ތަޅާލުމަށްފަހު އެ ބިން ބޭނުންކުރުމަށް ނިންމާފައިވަނީ ޕާކީން ޒޯނެއްގެ ގޮތުގައިކަމަށް އަކްރަމް ވިދާޅުވިއެވެ.

މިގޮތަށް ނިންމީ، ޕާކިންގ އަށް މިހާރު ދިމާވެފައިވާ މައްސަލައަށް ލުޔެއް ހޯދުމުގެގޮތުންކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، އަމާޒަކީ ޣާޒީ ބިލްޑިންގ ތަޅާލުމަށްފަހު ވީ އެންމެ އަވަހަކަށް އެތަނުގައި ޕާކިންގ ޒޯނެއް ހެދުންކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިންމާ އެތަން އާއްމުންނަށް ހުޅުވާލެވޭނެ ތާރީޚެއް އަކްރަމް ހާމަކުރައްވާފައެއްނުވެއެވެ.

ޣާޒީ ބިލްޑިންގއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 26 ޖުލައި 1982 ގައި ހުޅުވާ ބޭނުންކުރަން ފެށި ޢިމާރާތެކެވެ. މި ޢިމާރާތް ނިސްބަތްވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި އަދި ރާއްޖޭގެ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ޤައުމީ ބަޠަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) ގެ ހަނދާނަށެވެ.

މިއީ ސަރުކާރު އޮފީސްތައް ވަކިވަކި ތަންތާނގައި ހިންގުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށަށް ގެނެސް ވީހާވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ތަރައްޤީކުރި ޢިމާރާތެކެވެ.

4 ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ ޣާޒީ ބިލްޑިންގެ ކޮންމެ ފަންގިފިލާއެއްގައި 12800 އަކަފޫޓު ހުރެއެވެ. އަދި ޖުމުލަ 51000 އަކަފޫޓުގެ ބޮޑުމިން މި ޢިމާރާތުގައި ހުރެއެވެ.

41 އަހަރުވެފައިވާ މި ޢިމާރާތަކީ ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރާ އެންމެ ދުވަސްވީ ޢިމާރާތެވެ. އެތަނުގައި މިވަގުތުވެސް އޮޑިޓަރ ޖެނެރަލް އޮފީހައި، ‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަންނަނީ ހިންގަމުންނެވެ.

ޣާޒީ ބިލްޑިންގ ތަޅާލާއި އެތަނުގައި ޕާކިންގ ޒޯނެއް ހެދުމަށް ސަރުކާރުން ނިންމާފައިވާއިރު، ޣާޒީ ބިލްޑިންގ ހިމެނޭ އަމީރު އަޙްމަދު މަގުގައި ހުރި ހުރަވީ ބިލްޑިންގ ތަޅާލައި އެ ބިމުގައިވެސް ޕާކިންގ ޒޯނެއް ސަރުކާރުން ވަނީ ހަދާފައެވެ. ހުރަވީ ބިލްޑިންގވެސް ތަޅާލީ އެ ޢިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުންނެވެ.