ޚަބަރު

ސްޓެމް އެޑިޔުކޭޝަން ޓްރެއިނިންއަށް 84 ލެޕްޓޮޕް ފޯރުކޮށްދިނުމަށް ނޮވެލްޓީއަށް


މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕަމަންޓް ޕްރޮޖެކްޓްގެ ދަށުން ސްޓެމް އެޑިއުކޭޝަން ޓްރެއިނިންއަށް 84 ލެޕްޓޮޕް ފޯރުކޮށްދިނުމަށް ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕަމަންޓް ޕްރޮޖެކްޓަކީ ސާނަވީ ތަޢުލީމުގެ ނިޒާމާއި، ސްކޫލްތަކާއި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން ސްޓެމް އެޑިއުކޭޝަން ޓްރެއިނިންއަށް 84 ލެޕްޓޮޕް ފޯރުކޮށްދިނުމަށް ނޮވެލްޓީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް މެނޭޖަރ މުޙައްމަދު އާދަމެވެ.

މީގެ އިތުރުން މިއަދު ވަނީ ސްޓެމް އެޑިޔުކޭޝަން ޓްރެއިނިންއަށް މައިކްރޯ އެމިއުލޭޓަރސް ފޯރުކޮށްދިނުމަށް ޔުނިސިޓީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޢަލީއެވެ. މި ދެ އެއްބަސްވުމުގައިވެސް އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާޙިމެވެ.

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެއެވެ.

މި މުހިންމު މާއްދާތަކުން ސާނަވީ ތަޢުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތަޢުލީމު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަކަތަ އިޤްތިޞާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެއެވެ.


އަތޮޅު ސްކޫލްތަކަށް އައި.ސީ.ޓީ އާލާތްތަކާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެކަމަށް މިޝްރޫޢު ހިންގުމަށް އެހީވާ ވޯލްޑް ބެންކުން ބުނެއެވެ. އަދި ޚާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި، މެނޭޖްމަންޓް އޮފިޝަލުންނާއި، ޓީޗަރުންގެ ހުނަރު ވެސް ރަނގަޅުކުރެވޭނެ ކަމަށްވެސް ވޯލްޑް ބޭންކުން ވިދާޅުވެއެވެ.

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. މި މަޝްރޫޢުއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ.

އޭގެ ތެރޭގައި ހިމެނެނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި، 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ޚަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.