ޚަބަރު

ޖެހޭނެ ވަކިފަރާތެއް ނޯންނާނެ، ނުފޫޒެއްވެސް ނުފޯރުވޭނެ: ފުއާދު


ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން ކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއްވެސް ގޮންޖެހުމެއް ނެތްކަމަށާއި، އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކަށް ނުފޯރުވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލަފައިވާ ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ފުއާދު ވަނީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއިއެކު ގެންދިއުމަށް ޤައުމީ ލަފާދޭ ކޮމެޓީގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ޤައުމީ ލަފާދޭ ކޮމެޓީއަކީ އިލެކްޝަންސް ކޮމިޝަނުން 2008 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިޚާބުތަކަށް އަމާޒުކޮށްގެން އެކުލަވާލާ ޚާއްސަ ކޮމެޓީއެކެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއިއެކު ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތް ހިއްސާ ކުރައްވާފައެވެ. ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ، އިންތިޚާބުގައި ކޮމިޝަނުން މަސައްކަތް ކުރާނީ ރައްޔިތުންގެ ނިންމުން، ރައްޔިތުން ނިންމާ ގޮތަކަށް ގެނެސްދޭން ކަމަށެވެ.

އިންތިޚާބުގައި ކޮމިޝަންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަރާތެއް ނުހުންނާނެކަމަށް ފުއާދު ވިދާޅުވިއެވެ. އިންތިޚާބުގައި ރައްޔިތުން ލާ ވޯޓުގެ ނަތީޖާ ހާމަކަން ބޮޑުކޮށް ކޮމިޝަނުން ހާމަކުރަމުންދާނެކަމުގެ ޔަޤީންކަން ފުއާދުވަނީ ދެއްވާފައެވެ.

"އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެން ވަރަށް މިނިވަން ކަމާއިއެކު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއިއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު ގެނެސްދޭން. ރައްޔިތުން ވޯޓުގެ ތެދު ނަތީޖާ ގެނެސްދޭން. އެއަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެ ފުރުސަތެއް ނުދީ ރައްޔިތުން ވޯޓުލީ ގޮތަކަށް ނަތީޖާ ނެރެ ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެން ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވިދާނެކަމަކަށް. އިލެކްޝަންސް ކޮމިޝަންގެ ތެރެއަކަށް" ފުއާދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކޮމިޝަންގެ ނައިބް ރައީސް ވަނީ އިންތިޚާބު ގާތްވަމުންދާއިރު ކޮމިޝަނަށް ހުރި ބައެއް ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ފަންނީ އެކި މަޤާމުތަކަށާއި، ކޮމިޝަނަށް ނަގަން އިޢުލާންކޮށްފައިވާ ވަގުތީ މުވައްޒިފުން މިހާރު ކަނޑައަޅާފައިވާ މުސާރާގައި ލިބުމުގެ ދަތިކަން ހުރިކަމަށް ހަބީބް ވިދާޅުވިއެވެ.

"ފަންނީ މީހުން އަޅުގަނޑުމެން މިދޭން ކަނޑައަޅާފައިވާ މުސާރައަށް ނުލިބި މިދަނީ. މިހާރު ދެތިންމަސް ވެއްޖެ އަޅުގަނޑުމެން ސޮފްޓްވެއާ ޑިވެލޮޕަރުންނަށްވެސް އިޢުލާން ކޮށްގެން އުޅޭތާ. އަދި އެއްވެސް މީހަކު ކުރިމައްޗެއްނުލާ. ބޮޑު އިންތިޚާބެއް އަންނައިރު ފަންނީ މީހުން ނުލިބުމުގެ މައްސަލައަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު މައްސަލައެއް." ހަބީބް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކޮމިޝަނުން ވަނީ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތަކާއި، އުޞޫލު އެކުލަވާލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައެވެ. މިބައްދަލުވުމުގައި ބައެއް ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބު މިހާ ގާތްވެފައި އޮއްވާ އިންތިޚާބުތަކާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނޫސްވެރިންނަށް އޮތް ފުރުޞަތު ހަނިވާނެހެން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއިމެދުވެސް މީޑިއާ ކައުންސިލާއި، ބްރޮޑްކާސްޓިންގ ކޮމިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.