ޚަބަރު

300އަށް ވުރެ ގިނަ ނިކަމެތި ޢާއިލާއަށް ރޯދައަށް އެހީވުމުގެ ފުރުޞަތު


ޙާލުގައި ޖެހިފައިވާ 300 އަށް ވުރެ ގިނަ ޢާއިލާއަށް ރަމަޟާން މަހު އެހީވުމުގެ ފުރުޞަތު، އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ މޮމްސް އެއިޑް ޖަމްޢިއްޔާއިން ހުޅުވާލައިފިއެވެ.

އެ ޖަމްޢިއްޔާއިން ބުނީ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ނިކަމެތި ޢާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ ޢާއިލާ ކެއާ ލިސްޓްގައި ނުވަތަ އެހީ ބޭނުންވެގެން ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިން، ޔަތީމު ކުދިން، ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ތިބޭ ޢާއިލާތައް ހިމެނޭކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

މޮމްސް އެއިޑް ޖަމްޢިއްޔާއިން ބުނީ "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން އެހީގެ ގޮތުގައި ފައިސާއިން އެ ފަރާތްތަކަށް ކެއާ ޕެކޭޖްތައް ފޯރުކޮށްދެވިގެންދާނެކަމަށެވެ. ކެއާރ ޕެކޭޖްތައް ވަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ.

އޭގެ ތެރޭގައި 300 ރުފިޔާ - 3 ދުވަހުގެ ރޯދަ ވީއްލުން، 500 ރުފިޔާ - 5 ދުވަހުގެ ރޯދަ ވީއްލުން، 1000 ރުފިޔާ - ރޯދަމަހަށް ބޭނުންވާ ކާބޯތަކެތި 3 މެމްބަރުންގެ ޢާއިލާއަށް، 1500 ރުފިޔާ - ރޯދަމަހަށް ބޭނުންވާ ކާބޯތަކެތި 5 މެމްބަރުންގެ ޢާއިލާއަށް ހިމެނެއެވެ.

މޯމްސް އެއިޑް ޖަމްޢިއްޔާގެ މާރކެޓިން އެންޑް ޕީއާރ ޑިރެކްޓަރ ޒައިން ޒަރީރު ވިދާޅުވީ، އެ ޖަމްޢިއްޔާގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެއެވެ. އޭނާ ބުނީ ރަމަޟާންމަހު ކުރިމަތިވެގެން އަނަނައިރު ރޯދަވީއްލާނެ އަދި ހާރުކާނެ ގޮތެއް ނެތިފައި ތިބި އެތައް އާއިލާތަކެއް އެބަތިބިކަމަށެއެވެ.

"ހާރުކާން މިރޭ ހުއްނާނީ ކޯއްޗެއްކަމެއް ނުވަތަ މިރޭ ހާރު ކައިފިއްޔާ މާދަމާ ރޯދަ ވީއްލާ ގަޑއަށް އެއްޗެއް ހެދޭނެތޯ މި ކަހަލަ ވިސްނުމުގައި ތިބި އެތަކެއް އާއިލާތަކެއް އެބަތިބި" ޒައިން ބުންޏެއެވެ.

ޒައިން ވިދާޅުވީ، އެއްވެސް ކުއްޖަކީ ނުކައި ރޯދައައް ހުންނަ ކުއްޖަކަށް ނުވަތަ ފެންފޮދަކުން ނޫނީ ސައި ފޮދަކުން ރޯދަ ވީއްލާގެން ހުއްނަ ކުއްޖަކަށް ވާން އެ ޖަމްޢިއްޔާއިން ބޭނުން ނުވާކަމަށެއެވެ.

މޮމްސް އެއިޑް ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ފަގީރުކަން ނައްތާލާ އަންހެނުންނަށް ދިމާވާ އެކި ކަހަލަ އަނިޔާތަކާއި ދެކޮޅައް އަޑުއުފުލާ އެ އަނިޔާތައް ނާއްތާލުމެއެވެ.

ޒައިން ވިދާޅުވީ، އެ ޖަމްޢިއްޔާއިން ނިކަމެތި ޢާއިލާތަކަށް އެހީވުމަށް އިތުރު ހަރަކާތްތަކެއް މިހާރުވެސް ކުރިއަށް ގެންދަކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ހަރަކާތްތައް ހިންގުމަށް އެ ޖަމްޢިއްޔާއިން އަންނަނީ ތައްޔާރުވަމުންނެވެ.