ޚަބަރު

ގަން އެއަރޕޯޓުގެ މަސައްކަތް ދެމަސްތެރޭ ފަށަނީ، އަމާޒަކީ 2025 އަށް ނިންމުން


ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު 2025 ވަނަ އަހަރުގެ ކުރީކޮޅު ނިންމާ، ބޭނުންކުރަން ފެށޭނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ. އިންޑިއާގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއެވެ.

ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައިވާ ގަން އިންޓަނޭޝަލް އެއަރޕޯޓް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ދެކުނުގެ އެހެނިހެން އަތޮޅުތަކުގެ އިޤްތިޞާދަށްވެސް ނުހަނު މުހިއްމު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. ގަން އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާއެކު މިހާރު ސޮއިކޮށްފައިވާއިރު، މުޅި މި މަޝްރޫޢަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު އިޢާދު ޙަމީދު ވިދާޅުވީ، ކުރިއަށްއޮތް މަހެއް ދެމަހެއްތެރޭ ކޮންޓްރެކްޓަރ މަސައްކަތު ސައިޓުގައި މޮބިލައިޒްވާނެކަމަށެވެ. އަދި ކޮންޓްރެކްޓުގައި ސޮއިކުރެވުމާއެކު މަޝްރޫޢު ޑިޒައިންކުރުމުގެ މަސައްކަތާއި، މިކަމަށް ޢަމަލީ ސިފަ އަންނަ ތަން ސައިޓުން ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އިޢާދު ވިދާޅުވިއެވެ.

އިޢާދު ވިދާޅުވީ، މަޝްރޫޢުގެ ޓައިމްލައިން ކަނޑައަޅާފައިވަނީ ދެ އަހަރު ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށްކަމަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ކުރީކޮޅަށް މަސައްކަތް ނިމި، ހަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބޭނެ ޚިދުމަތްތަކާއި ވަޞީލަތްތައް، ގަން އެއަރޕޯޓުން ލިބިގެންދާނެކަމަށް އިޢާދު ވިދާޅުވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބުރުލެއް ނާންނާނެހެންކަން އިޢާދު ފާހަގަކުރެއްވިއެވެ.

"މި މަޝްރޫޢުގެ މަސައްކަތް ރާވާފައި މިވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަށް ބުރުލެއް ނައިސް، މާނައަކީ އެއަރޕޯޓު އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށްދެވޭނެގޮތަށް މަސައްކަތްތައް ރާވާލެވިފައިވާނީ. އެހެންވީމަ މަޝްރޫޢާގުޅިގެން އައްޑޫގެ ކަނެކްޝަނަކަށް އެއްވެސް ބުރުލެއްނާރާނެ. ހަމަ އެއަރޕޯޓު ފުލީ އޮޕަރޭޝަނަލްކޮށް ބާއްވައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާނީ" އިޢާދު ވިދާޅުވިއެވެ.

އިޢާދު ވިދާޅުވީ، ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށާއި، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގައިވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު މަޝްރޫޢެއްކަމަށެވެ.

އެގޮތުން މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިން ގެނައުމަށް ޑޮމެސްޓިކް ޓްރާންސްފަރތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާއި، ބޭރުގެ އެއަރލައިންތަކާއި އެއަރޕޯޓު ގުޅުވާލުމުން ދެކުނުގެ ރަށްރަށުން އެކި ބޭނުންތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން، ދަތުރުތަކަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ އެހެނިހެން ވިޔަފާރިތަކަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ އުއްމީދީ މަޝްރޫޢެއްގެގޮތުގައި އިޢާދު ފާހަގަކުރެއްވިއެވެ.

"އެއަރ ކާގޯއިން އެކިއެކި މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ވަރަށް ބޮޑަށް ހުޅުވިގެންދާނެ. އަދި އެއަރ ކާގޯ މެދުވެރިކޮށް އެކްސްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް އެ ފުރުޞަތު ހުޅުވިގެން އެބަދޭ. ޚާއްސަގޮތެއްގައި މިސާލަކަށް ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މާލޭ ސަރަހައްދަށް މަސް ނުގެނެސް، ސީދާ ދެކުނުން އެ މަސް އެކްސްޕޯޓްކުރުމުގެ ފުރުޞަތު އެބަހުޅުވާލެދެވޭ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެވުނީމަ" އިޢާދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރެވިގެންދާނެއެވެ. މި ވަޞީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަނާއި، މަގު ތަކާއި ޕާކިންގ ސަރަޙައްދުތައް މި މަޝްރޫޢުގެ ދަށުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިމި، މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.