ޚަބަރު

ހަންކެޑެ ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަށަނީ


އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ފައްޔާޟް ވިދާޅުވީ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު އައްޑޫގައި ފަތުރުވެރިކަމަށް މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

އެ ސަރަޙައްދުގެ ފަތުރުވެރިކަމުގެ އެނދުތައް، އެއަރޕޯޓާއެކުއެކީ މާރކެޓަށް ނެރުމަށްޓަކައި ހަންކެޑެ ތަރައްޤީކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި، ވިލިނގިލީގައި ޤާއިމުކޮށްފައިވާ ރިސޯޓު އަލުން ހުޅުވުމާއި، ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން ރިސޯޓުތައް ތަރައްގީކުރުމަށް ފަސް ރަށެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަންކެޑެއަށް ފައިސާ ހޯދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިމަހު މަސައްކަތް މޮބިލައިޒް ކުރެވޭނެ ކަމަށް މިނިސްޓަަރ ވިދާޅުވިއެވެ. އަދި އެއަރޕޯޓުގެ މަސައްކަތް ނިމޭއިރު ގެސްޓްހައުސްއާއި ހަންކެޑެ ޕްރޮޖެކްޓް ހިމަނައިގެން 6000 އެނދު ތަރައްގީކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހަންކެޑައިގައި ހާހަކަށްވުރެ ގިނަ އެނދާއިއެކު، އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓެއް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. އިންޓަގްރޭޓެޑް ޓޫރިޒަމްއަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް އިޤްތިޞާދު ފުޅާކުރަން ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮޖެކްޓެކެވެ.

އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ފަތުރުވެރިކަމަށް ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. މިސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިތައް ޤާއިމު ކުރެވޭނެއެވެ.

ހަންކެޑެއިގައި ހިންގަން ހަމަޖެހިފައިވާ ޓޫރިޒަމް އިންޓަގްރޭޓެޑް ޕްރޮޖެކްޓްގައި ޖުމްލަ 1041 ކޮޓަރި ހިމެނެއެވެ. މިއިން ކޮންމެ ކޮޓަރިއެއްވެސް ތަރައްޤީކުރާނީ ތަފާތު ޑިޒައިންތަކަށް، ޒަމާނީ ފެންވަރަށް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އަދި ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގަ އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމުގެ މަސައްކަތްކުރެވޭނެ ގޮތަށް މަގުހެދުމުގެ މަޝްރޫޢު ވަނީ ހަވާލު ކުރެވިފައެވެ.

މި މަޝްރޫޢަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވޭ މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ސަބަބުން ގިނަ ވަޒީފާތައް އުފެދި، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދެކުނުގެ އިޤްތިޞާދީ ހަބަކަށް އައްޑޫ ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކައްތަކަށްވެސް އިތުރު ބާރެއް ލިބިގެން ދާނެއެވެ.