ޚަބަރު

ގަން އެއަރޕޯޓް މަޝްރޫޢާއެކު 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ: ފައްޔާޟް


އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢާއެކު 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕަމްޓް ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕަމްޓް ފައްޔާޟް އިސްމާއިލް ވިދާޅުވީ، އައްޑޫ ސިޓީއަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތްނަމަވެސް ސިޓީގެ ދަރަޖައާއެކު އަންނަންޖެހޭ އުމްރާނީ ތަރައްޤީ އައްޑޫއަށް އައިސްފައިނުވާކަމަށެވެ. ނަމަވެސް މިހާރު އެކަން ދެނެގަނެ ދެކުނުގެ އިޤްތިޞާދީ މައިހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރުމަށް ވަށާޖެހޭ ޕްލޭނެއް އެކުލަވާލާ އެ ޕްލޭން ތަންފީޒް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ އެ މަޝްރޫޢުތަކާއެކު އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަޒީފާއާއި ދެމެހެއްޓެނިވި އާމްދަނީ ލިބޭނެ ގޮތްތައްވެސް ފަހިކުރަންޖެހޭކަމަށެވެ. މިގޮތުން އެއަރޕޯޓު ތަރައްޤީކުރެވުމާއެކު ފަތުރުވެރިކަމުގެ ފުރުޞަތުތައް އެންމެ ފުރިހަމަގޮތުގައި ހުޅުވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގަން އެއަރޕޯޓާއެކީ ފަތުރުވެރިކަމުގެ އެނދުތައް މާކެޓަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، ހަންކެޑެ ތަރައްޤީކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި، އައްޑޫ ސިޓީ ވިލިނގިލީގައި ޤާއިމްކޮށްފައިވާ ރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެއަޕޯޓުގެ މަސައްކަތް ނިމޭއިރު ފުރަތަމަ މަރުހަލާގައިވެސް ގާތްގަނޑަކަށް 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބިން ހިއަކުމުގެ މަޝްރޫޢުގެ ތެރެއިން ރިސޯޓުތައް ތަރައްޤީ ކުރުމާއި މުޅިން އަލަަށް 5 ރަށެއް ހިއްކަމުން އެބަދޭ. ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީ ކުރުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ޕްރޮގްރާމެއް ރާވައިގެން މިހާރު މިދަނީ ގެސްޓް ހައުސްތަކުގެ ވެރިފަރާތްތަކާއެކު ވާހަކަ ދައްކަމުން. އުއްމީދު ކުރަނީ މާރޗްމަހު ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި މޮބިލައިޒް ކުރެވޭނެކަމަށް" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އައްޑޫގެ ޓޫރިޒަމަށް ވަރަށް ބޮޑު ޖާގައެއް އެބައޮތްކަމަށެވެ. ނަމަވެސް އާއްމު އުޞޫލުގެ ދަށުން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ވިޔަފާރި ތަރައްޤީކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ، އެއީ އައްޑޫގައި އެކަމާގުޅޭ އިންފްރަރސްޓްރަކްޗަރތައް ޤާއިމްވެފައި ނެތުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެއަރޕޯޓުގެ މަޝްރޫޢުއާއެކު އައްޑޫގެ މަސްވެރިކަމަށްވެސް ވަރަށްބޮޑު ދޮރެއް ހުޅުވިގެންދާނެކަމަށެވެ. އެގޮތުން ކަންނެލި މަސްވެރިކަންކުރާ މީހުން ބާނާ މަސް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައްވެސް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ ކުދި އަދި ބޮޑެތި ވިޔަފާރިތަކަށްވެސް އިޤްތިޞާދު ފުޅާކުރުމަށް ފުރުޞަތުތައް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.