ޚަބަރު

ޤައުމީ ޝޫޓިން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


  • މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 އާއި ހަމައަށްވަނީ އިތުރުކޮށްފައި

  • ޤައުމީ ޝޫޓިން މުބާރާތް ފަށާނީ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހު

  • މިއަހަރުގެ މުބާރާތުގައި ޕެރަ ކެޓަގަރީވެސްވަނީ ހިމަނާފައި

ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުންދިއުމާއި ގުޅިގެންކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 އާ ހަމައަށް އިތުރުކޮށްފައިވާކަމަށް އެސޯސިއޭޝަނުންވަނީ ހާމަކޮށްފައެވެ.

ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސްޕޯޓްސް ރޭންޖްގައި އަންނަ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. އަދި މިމުބާރާތުގައި މިއަހަރުވަނީ ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރީ ހިމަނާފައެވެ. އަދި މުބާރާތުގައި ވާދަކުރާ ޕެރަ އެތުލީޓުން ތަމްރީނުކުރުމުގެ ސެޝަންތައްވެސް މިހާރުވަނީ ފަށާފައެވެ.

ޤައުމީ ޝޫޓިން މުބާރާތް ކުރިއަށްދާނީ ޕްރޮފެޝަނަލް ކެޓަގަރީ، ޖޫނިއާ ކެޓަގަރީ، ޔޫތު ކެޓަގަރީ، ޕެރަލިމްޕިކް ކެޓަގަރީ އަދި އެމެޗުއަރ ކެޓަގަރީ ހިމަނައިގެންނެވެ. އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ހިމެނޭހެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމްގެ އިތުރުން އަންހެން އަދި ފިރިހެން ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ

މިފަދަ މުބާރާތެއް ޝޫޓިން އެސޯސިއޭޝަނުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގައި ޝޫޓިން ކުޅިވަރު ކުރިއަރުވާ ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއެރުވުމެވެ. އަދި އޮލިމްޕިކްގައި ހިމެނޭ މި ކުޅިވަރުން އެތުލީޓުން އުފައްދާ ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ފުރުސަތުތައް ހޯދައިދީ ޤައުމަށް ރީތި ނަމާއި ފަޚުރު ހޯދައިދޭނެ ޝަރަފުވެރި ޤައުމީ ޝޫޓިން ޓީމެއް ބިނާކުރުންކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.