ޚަބަރު

މާލެ ސަރަޙައްދުގައި އައު 7ސްކޫލުގެ މަސައްކަތް، 3ސްކޫލުގައި މިއަހަރު ކިޔަވައިދޭން ފަށާނެ


މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތާއި، ހުޅުމާލެ ފޭސް 1 ގައި އަޅާ ސީއެޗްއެސްސީގެ އައު ޢިމާރާތުގެ އިތުރުން ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ޞަލާޙުއްދީން ސްކޫލުގެ މަސައްކަތް ނިންމާ ބޭނުން ކުރަންފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަނީ މާލެ ސަރަޙައްދުގައި 7 ސްކޫލްއެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ހުޅުމާލޭގައި ޤާއިމްކުރާ ޕްރައިވެޓް ސްކޫލެއް ކަމަށްވާ "އަޖިއަލް ބައިލިންގުއަލް ސްކޫލް"އާއި ސީއެޗްއެސްސީގެ އައު ޢިމާރާތާއި، ހުޅުމާލޭގެ ފޭސް 2 ގައި އަޅާ ސަލާޙުއްދީން ސްކޫލްގެއިތުރުން، އިތުރު 2 ސްކޫލްއެވެ. އަދި މާލޭގައި ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރަށް އިތުރު ސްކޫލްތައް އެޅުމަށް މިހާރު ވަނީ ހުޅުމާލެއިން ބިންވެސް ހަވާލުކޮށްފައެވެ.

ތަޢުލީމީ ދާއިރާގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ ސްކޫލްތައް ޢިމާރާތްކުރުމުގެ މަސައްކަތުގެ ދަށުން ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި މިއަހަރުގެ ދިރާސީ އައު އަހަރާއެކު އެ ސްކޫލް ބޭނުން ކުރަން ފަށާނެކަމަށް މުޖާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުޅުމާލެ ފޭސް 1 ގައި އަޅާ ސީއެޗްއެސްސީގެ އައު ޢިމާރާތުގެ މަސައްކަތްވެސް ނިމެމުން އަންނަ ކަމަށާއި، އެ ޢިމާރާތްވެސް އޯގަސްޓްމަހު ފަށާ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ބޭނުން ކުރަން ފެށޭނެކަމަށެވެ.

މީގެ އިތުރަށް ހުޅުމާލޭގައި އަޅާ އިތުރު ސްކޫލްތަކުގެ ތެރެއިން ޕްރައިވެޓް ސްކޫލެއް ކަމަށްވާ "އަޖިއަލް ބައިލިންގުއަލް ސްކޫލް"ގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާއި، ފޭސް 2ގައި އަޅާ ޞަލާޙުއްދީން ސްކޫލްވެސް ދިރާސީ އަހަރުގައި ހުޅުވެގިންދާނެކަމަށް މުޖާހިދު ވިދާޅުވިއެވެ.

"ހުޅުމާލެ ފޭސް 2ގައި އާރްސީސީއާ ހަވާލުކޮށްގެން ކޮންޓްރެކްޓް ފައިނޭންސްގެ އުޞޫލްއިން ސްކުލްއެއް އިމާރާތްކުރަމުން އެބަގެންދޭ. އަދި ހަމަ ކޮންޓްރެކްޓް ފައިނޭންސްގެ އުޞޫލްއިން އިތުރު ސްކޫލްއެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދޭ. ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. ކުރިއަތްއޮތްތަނުގައި މާލެ ސަރަޙައްދަށް އިތުރު ސްކޫލްތައް އަންނާނެ." ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު އަޅަމުން އަންނަ ސްކޫލްތަކަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލްތަކެކެވެ. މިގޮތުން ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސްބިމުގައި އިމާރާތްކުރާ ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތްތައް އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. އަލަށް ޢިމާރާތްކުރާ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކީ ވަށައިޖެހޭ ތަޢުލީމެއްދެވޭ އެއް ދަންފަޅިއަށް ހިންގާނެ ސްކޫލެކެވެ.

މި ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހުންނާނެއެވެ. އަދި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެވެސް ހުންނާނެއެވެ. މީގެއިތުރުންވެސް ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންވާ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި، ކުޅިވަރާއި އިތުރު ހަރަކާތްތައް ހިންގޭނެ ވަޞީލަތްތައްވެސް އެތަނުގައި ހުންނާނެއެވެ.

މީގެ ިއތުރަށް ހުޅުމާލެ ފޭސް 1ގައި 2406.57 އަކަ ފޫޓުގެ ބޮޑު ބިމުގައި އަޅާ ސީއެޗްއެސްސީގެ އައު އިމާރާތަކީ 8 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތް އެޅުމުގެ މަސައްކަތް 2020 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ފަށާފައެވެ. އެޅުމަށް ހުޅުމާލެއިން ބިން ހަމަޖައްސާފައިވަނީ އައުޓްޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ފުރަގަހުގައެވެ. އެ ބިމަކީ 2406.57 އަކަ ފޫޓުގެ ބޮޑު ބިމެކެވެ.

މީގެ އިތުރަށް ޞަލާހުއްދީން ސްކޫލްއަކީ 1000 އާއި 1200އާއި ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. ސްކޫލް ޢިމާރާތްކުރަނީ 6 ފަންގިފިލާއަށެވެ.

ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.