ޚަބަރު

ހެނބަދޫ ފެނުގެ ނިޒާމު ރަމަޟާން މަހަށް ނިމޭނެކަމުގެ އުއްމީދުގައި


ރައްކާތެރި ބޯފެނަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްމެ ލިބިދޭންޖެހޭ ޙައްގެކެވެ. އެހެންނަމަވެސް ރައްކާތެރި ބޯފެން ނުލިބޭ ގިނަ ރަށްތަކެއް ރާއްޖޭގައި ހުރި އިރު އެރަށްރަށުގެ ރައްޔިތުން ތިބީ މިޙައްގުން މަޙުރޫމްވެފައެވެ. ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެއްރަށަކީ ނ. ހެނބަދޫއެވެ. އެރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަނީ އެރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިމޭނެ ދުވަހަކަށެވެ.

އާބާދީގައި 795 މީހުން ދިރިއުޅޭ ނ. ހެނބަދޫގައި އޮތް ގުދުރަތީ ފެން ފަށަލަ ހަލާކުވެ ފެން ތަޣައްޔަރުވުމުގެ މައްސަލަވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ހިފާ ގެންގުޅޭތަކެތި ހަލާކުވުމުގެ މައްސަލަވެސް ވަނީ ކުރިމަތިވެފައެވެ. މާލީގޮތުންނާއި ސިއްޙީގޮތުން ރައްޔިތުން އުފުލަންޖެހިފައިވާ ބުރަ ނިމުމަކަށް ގެނެސްދިނުމަށް ސަރުކާރުން އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖޫންމަހުގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު ވިދާޅުވީ، ހެނބަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިދޭތެރެއިން ހުއްޓިފައި އޮތުމަށްފަހު މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. ކުރިއަށްއޮތް ރަމަޟާން މަސްފެށުމުގެ ކުރިން ހެނބަދޫ ފެނުގެ ނިޒާމު ޤާއިމުކޮށް ނިމޭނެކަމަށް ލަފާކުރެވޭއިރު އެއީ ރައްޔިތުންގެ ބޮޑު އުއްމީދެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހެނބަދޫ ކައުންސިލް ރައީސް ވިދާޅުވީ، ގުދުރަތީ ފެން ފަށަލަ ހަލާކުވަމުންދާތީ އެ މައްސަލަ ޙައްލުކުރުމަށް އެރަށުގައި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމުން މާބޮޑު ބަދަލެއް އެރަށުގެ ފެނުގެ ނިޒާމަށް އައިސްފައިނުވާކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންކަމުން ވޯޓަރ ސަޕްލައި ފެނުގެ ޚިދުމަތް އެރަށުގައި ލިބިގެންދިޔުމަކީ ކޮންމެހެން ބޭނުންވާ ޚިދުމަތެއްކަން ކައުންސިލުން ފާހަގަކުރައްވައެވެ.

އެމް.ޑަބްލިއު.އެސް.ސީއިން ކުރިއަށްގެންދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން މުޅި މަޝްރޫޢުގެ 80 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކަކާއި ހޮޅިވަޅުލުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށް 3 ތާންގީ ބަހައްޓާ، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތާއި ފެން އުފެއްދުމަށްޓަކައި އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްކަމަށެވެ. މީގެ ބޮޑުބައެއްގެ މަސައްކަތް ނިމިފައިވާއިރު ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 41.36 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.