ޚަބަރު

ޒަމާނީ ޓަރމިނަލަކާއެކު ފަރެސްމާތޮޑާ އެއަރޕޯޓު އަންނަމަހު ހުޅުވަން ތައްޔާރުވަނީ


ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ނިންމާ އަންނަ މަހުގެ 15 ވަނަ ދުވަހު އެތަން ރަސްމީކޮށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ރާއްޖޭގައި ޑޮމެސްޓިކް ގިނަ އެއަރޕޯޓްތައް މިހާރު ތަރައްޤީކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރި މި އެއަރޕޯޓުގެ ޢިމާރާތްތަކާއި ބޮޑެތި ހުރިހާ މަސައްކަތްތައް ނިމި، އެއަރޕޯޓްގައި މިހާރު ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން ރަންވޭއާއި އެއަރޕޯޓްގެ ފަޔަރ ބިލްޑިންގއާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގައި ހުރި ކުދިކުދި މަސައްކަތްތައް ނިންމުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި އާއްމުކޮށް ފެންނަ ހުންނަ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ޓަރމިނަލްތަކާ ޚިލާފަށް، ފަރެސްމާތޮޑާ އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ޓަރމިނަލް ހިތްގައިމުވެފައި ތަފާތެވެ. މުޅި ޓަރމިނަލް ފަރުމާކޮށްފައިވަނީ ޒަމާނީ ސިފަތަކެއް ދައްކުވައިދޭފަދަ ގޮތަކަށެވެ.

މީގެ އިތުރަށް އެއަޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިންގ ސިސްޓަމްތައް ދިއްލާ މިހާރު ވަނީ ޓެސްޓުކޮށްފައެވެ.

މި އެއަރޕޯޓް ހުޅުވާއިރުވެސް، ރޭގަނޑު އެއަރޕޯޓަށް ފްލައިޓް ޖެއްސޭނެ ވަސީލަތްތައް ޤާއިމުކޮށް ފުރިހަމަވެފައި ހުންނާނެއެވެ. އެއަރޕޯޓުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާއިރު، ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އަދި އެއަރޕޯޓް އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ.

144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލާ ކޯޒްވޭގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ. މިއާއެކު އެއަރޕޯޓް ކޯޒްވޭއާއި، ކޯޒްވޭއާއި ގުޅޭ މަގުތައްވެސް ހަދާނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ އެ ރަށު ފަޅުތެރޭ އޮތް ކުދި ރަށްތަށް ހިއްކައިގެންނެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި މަޝްރޫޢުގެ ސަބަބުން ދެކުނުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބި، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.