ޚަބަރު

މާފަރު އެއަރޕޯޓްގެ ޓަރމިނަލް 2 ފަންގިފިލާއަށް، ޖާގަ ތަނަވަސްވާނެ


ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އެއަރޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝިއަނުން އިޢުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިޢުލާނުގައިވަނީ މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ހުޅުވާލާފައެވެ. އެގޮތުން ބިޑް ރަޖިސްޓްރޭޝަން ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ، މާފަރު އެއަރޕޯޓްގެ ޓާރމިނަލް ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކީ ޖާގަ އިތުރުކުރުންކަމަށާއި، ތަރައްޤީވެ ނިމުމުން އެއަރޕޯޓުގައި އިތުރު އިމިގްރޭޝަން ކައުންޓަރތައް ހުންނާނެކަމަށެވެ. އަދި ކޮމާޝަލް ލައުންޖްތަކާއީ ވީވީއައިޕިގެ ލައުޖްހުންނާނެކަން މުމްތާޒް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރަށް ޓަރމިނަލް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ފަންގިފިލާއަށްކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާ ވީވީއައިޕީ ލައުންޖަށް ޚާއްސަކުރާއިރު ދެވަނަ ފަންގިފިލާގައި އޮފީސްތަކާއި ސީއައިޕީ ލައުންޖަށް ޚާއްސަވާނެކަމަށް މުމްތާޒް ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށް ޓަރމިނަލް ބޮޑުކުރުމާއެކު ބޮޑެތި ބޯޓުފަހަރުތަކަށްވެސް މިހާރަށްވުރެ ފަސޭހައިން ޚިދުމަތް ލިބިގެންދާނެއެވެ.

އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ މާލީ އެހީއެއްގެ ދަށުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށް އަޕްގްރޭޑްކުރުމަށް އެމް.ޓީ.ސީ.ސީއާ ދާދިފަހުން ވަނީ ހަވާލުކޮށްފައެވެ.

އެމްޓްސީސީން މިހާރު އަންނަނީ އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރާ ރަންވޭއަށް 650 މީޓަރު އިތުރުކުރުމާއި، ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުމާއި، ޓެކްސީވޭ ފުޅާކުރުމާއި، އޭޖީއެލް އަޕްގްރޭޑްކޮށް ޕަވަރ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

މި މަޝްރޫޢަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ޖުމްލަ 27.1 މިލިއަން ޑޮލަރު ފަންޑުކުރާނެއެވެ. އަދި ޖީ.އެސް.ޓީގެ ގޮތުގައި 25.1 މިލިއަން ރުފިޔާ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ އެހީގައި ތަރައްޤީކުރި އެއަރޕޯޓެކެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މާފަރު އެއަރޕޯޓަކީ ފަތުރުވެރިކަމަށް ރާއްޖެ އަންނަ އެންމެ ގިނަ ޖެޓުތައްވެސް ބޭނުންކުރާ އެއަރޕޯޓެވެ. މި އެއަރޕޯޓްގެ ޓަރމިނަލާއި އަދި އެހެނިހެން ޚިދުމަތްތައްވެސް ތަރައްޤީކޮށްފައިވަނީ ބައިނަލްއަޤްވާމީ ދަތުރުތަކަށްވެސް ބޭނުންކުރެވޭ ފެންވަރަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ފެށުމަށް ރަންވޭ ބޮޑުކޮށް، ބައެއް އިތުރު ބަދަލުތައް އެއަރޕޯޓަށް ގެންނަންޖެހެއެވެ.

މި އެއަރޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭއަކީ 2200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް އިތުރުކުރެވޭ 650 މީޓަރާއެކު ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުވާނެއެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ Boeing 777-300ER މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.