ޚަބަރު

މުލަކު މަސް ބަނދަރުގެ މަސައްކަތް 3މަސް ތެރޭގައި ނިންމާލެވޭނެ: ޢާޒިމް


މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ބާނާ މަސްކޮޅު ނުކިރުވި އުކާލަން ޖެހުމެވެ. ޚާއްސަކޮށް މަސްވެރި އަތޮޅުތަކުގައި މަސްކިރުވާނެ ބަނދަތުރައް ނެތުމުގެ ސަބަބުންވެސް މަސްވެރިންނަށް ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން މިހާރުވެސް އަންނަނީ މަސްބަނދަތުރައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތަށް ތަރައްޤީ ކުރާ އެއް މަސް ބަނދަރަކީ މުލަކަތޮޅު މުލަކުގައި ތަރައްޤީކުރާ މަސް ބަނދަރެވެ.

މުލަކުގައި މަސްބަނދަރު ތަރައްޤީކުރުމަކީ އެރަށުގެ މަސްވެރިންގެ އިތުރަށް މ.އަތޮޅުގެ މަސްވެރިންގެވެސް އުއްމީދާ ގުޅިފައިވާ މަޝްރޫޢުއެކެވެ. ސަބަބަކީ މ.އަތޮޅަކީ މެދުރާއްޖެތެރޭގެ ރަށްތަކުގެ ތެރެއިން މަސްވެރިކަން ރަނގަޅު އެއް ސަރަހައްދެވެ. އެހެންނަމަވެސް މަސްކިރުވޭނެ ވަސީލަތްތައް މަދުވުމާއި، އެކަށީގެންވާ ރަނގަޅު ޚިދުމަތް ނުލިބުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިން މަސް ނުކިރެގިން އަނބުރާ ދާންޖެހޭ ފަހަރުވެސް އާދެއެވެ. މިހެން ވުމުގެ ސަބަބުން ބޭނި މަސްކޮޅު އުކާލަންވެސް ޖެހޭ ފަހަރުވެސް އާދެއެވެ.

މި މަައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މ.އަތޮޅުގައި "މީމު މަސް ބަނދަރު"ގެ ނަމުގައި މަސް ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 11ވަނަ ދުވަހުއެވެ. އަދި މިކަމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް ނުނިމި ލަސްވިނަމަވެސް މިހާރު މަސްބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.

މުލަކުގައި މަސްބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢޫތަކަކީ ވަރަށް މުހިއްމު މަޝްރޫޢުތަކެއްކަމަށެވެ. މިގޮތުން މިހާރުވެސް އެކި ހިސާބުތަކުގައި މަސްކިރުވުމަށްޓަކައި މަސް ބަނދަރުތައް ތަރައްޤީކުރަމުން އަންނަކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މަސް ބަނދަރުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން މުލަކުގައި ތަރައްޤީ ކުރާ މަސްބަނދަރުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްތެރޭ ނިންމާލެވޭނެކަމަށެވެ.

"މިހާރުވެސް މުލަކުގައި މަސް ބަނދަރު ތަރައްގީކުރުމާއި، ހުޅުދޫއާއި، ކޫއްޑޫއާއި، ކަނޑުއޮއްގިރީގައި މަސް ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަގެންދޭ. މީގެ އިތުރަށް ހިންނަވަރުގައިވެސް މީގެ މަސައްކަތްތައްވެސް ކުރިއަށް އެބަގެންދަން. " އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެދަށުން މިކަމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ފުންކުރުން ހިމެނެއެވެ. 56.13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މީމު މަސް ބަނދަރަކީ 160މީޓަރުގެ ބަނދަރެކެވެ. މީގެއިތުރަށް 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 3،200އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.