ޚަބަރު

2022 ނިމުނުއިރު ގްރީން ފަންޑުގައި 772 މިލިއަން ރުފިޔާ


މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 772 މިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ޑިސެމްބަރުމަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުތެރޭ 972 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. އަދި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 908 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރިޗުމަހުއެވެ. އެގޮތުން އެމަހު 105 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ.

މިދިޔަ ޑިސެމްބަރުމަހު ގްރީން ފަންޑަށްވަނީ 75 މިލިއަން ރުފިޔާ ޖަމާވެފައެވެ. މީގެތެރެއިން 26.2 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 24.5 މިލިއަން ރުފިޔާއާއި، ގެސްޓްހައުސްތަކުން ލިބިފައިވާ 1.6 މިލިއަން ރުފިޔާއެވެ.

2 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ ރ. އަތޮޅުން، ޑިސެމްބަރުމަހު ވަނީ 7.7 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މުޅިންވެސް ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.