ޚަބަރު

އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ވ. ތިނަދޫގައި މިސްކިތެއް ބިނާކުރަނީ


އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއިއެކު ވ. ތިނަދޫގައި މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ބިނާކުރާ މިސްކިތެއްކަމަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، މިސްކިތެއް ބިނާކުރުމަކީ ވަރަށް މަތިވެތި ކަމެއްކަމަށާއި، އުންމީދަކީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި މިސްކިތް ނިމުންކަމަށެވެ. އަދި މިސްކިތުގެ މަސައްކަތް ކުރިއަށްދާއިރު ދިމާވާ ކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމެއް ބޭނުންވާނަމަ، މިނިސްޓްރީން އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ 185 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭގައެވެ.