ޚަބަރު

ރިސޯޓް ހަދަން ބޯހުރާ ހުޅުވާލީ ހިއްކާ ގޮތަކަށްނޫން: ޓޫރިޒަމް މިނިސްޓްރީ


ރިސޯޓް ތަރައްޤީކުރަން މުލަކައަތޮޅު ބޯހުރާ ބީލަމަށް ހުޅުވާލީ އެރަށް ހިއްކުމަށް ހުއްދަދޭގޮތަށް ނޫންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިނިސްޓްރީން ރިސޯޓް ތަރައްޤީކުރުމަށް މިމަހުގެ 23 ގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ މ. ބޯހުރާ ބީލަމަށް ހުޅުވާލާފައިވަނީ އެރަށް ހިއްކުމަށް ހުއްދަ ދޭގޮތަށް ނޫންކަމަށެވެ.

އެރަށަށް ރިސޯޓެއްގެގޮތުގައި ތަރައްޤީކުރެވިގެންދާއިރު، ރަށަށް އަރާ ފޭބުމުގެ އިންތިޒާމްވެސް ހަމަޖައްސާނީ ރިސޯޓް ތަރައްޤީކުރާ ފަރާތްތާއި، މުލީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުންކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ހަމައެހެންމެ ބޯހުރާގެ ބައުންޑްރީގައި އެރަށާއި ކައިރީގައިވާ މަޝްޙޫރު ސާރފް-ޕޮއިންޓް ނުހިމެނޭކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅު ސަރަޙައްދު ކަނޑައެޅުމާބެހޭ ޤަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޯހުރާގެ ބައުންޑްރީ ކަނޑައަޅާނީ އެ ސާރފް-ޕޮއިންޓް ވަކިކުރުމަށްފަހުކަމަށެވެ.

މިފަދަ ސާރފް-ޕޮއިންޓްތައް އާއްމުންނާއި ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭގޮތަށް ސައިޓް މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ޤަވާއިދުގައިވާގޮތުން ތަރައްޤީކުރުމަށް ކަނޑައެޅޭ ރިސޯޓުގެ ފަޅުގައި، ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަޙައްދުތަކާއި، ސާރފިންގ ނުވަތަ ރާޅާއަޅާ ސަރަހައްދުތަކާއި މިނޫންވެސް ޓޫރިސްޓް އެޓްރެކްޝަންސްގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަޙައްދުތައް ހިމެނޭނަމަ، އެ ރިސޯޓެއްގެ ފަޅުގެ ސަރަޙައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭގޮތަށެވެ. އަދި މިގޮތަށް ކަނޑައެޅޭ ސަރަޙައްދުތައް މިނިސްޓްރީން އާންމުކޮށް އިޢުލާންކުރަންވާނެކަމަށާއި، މިފަދަ ސަރަޙައްދުތައް ބޭނުންކުރުމާބެހޭ އުޞޫލެއް މިނިސްޓްރީން ކަނޑައެޅުމަށްފަހު އާންމުކޮށް އިޢުލާންކުރަންވާނެކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މ. މުލީއާއި އެއް ފަޅެއްގައި އޮންނަ ބޯހުރާއަކީ ދަތުރުގޮސް ހެދުމަށާއި، ރާޅާ އެޅުމަށްވެސް އެ އަތޮޅުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިއީ ގާތްގަނޑަކަށް 3 ހެކްޓަރުގެ ކުޑަ ރަށެކެވެ.