ޚަބަރު

ޠާރިޤުގެ ހިންގާ ކޮމިޓީއަށް ހުރިހާ ކުލަބުތަކެއްގެ ތާއީދު ލިބިއްޖެ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސްކަމަށް ވާދަކުރައްވާ އަޙްމަދު ޠާރިޤު (ޓޮމް) ހުށަހެޅުއްވި ހިންގާ ކޮމިޓީއަށް ހުރިހާ ކުލަބުތަކެއްގެ ތާއީދު ލިބިއްޖެއެވެ.

ކުލަބުތަކުގެ ތާއީދު އޮތްކަން ހާމަކޮށް އިއްޔެ ކުލަބުތަކުން އެފްއޭއެމްއަށް އެންގުމަށް އިލެކްޓޯރަލް ކޮމިޓީން އެދިފައިވާއިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވީ ހުރިހާ ކުލަބަކުންވެސް ތާއީދުއޮތްކަން އެފްއޭއެމަށް އަންގާފައިވާ ކަމަށެވެ.

ހުސްވި މަހުގެ 26 ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިޚާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެންޑިޑޭޓަކު ނެތެވެ. އޭނާ އާދީއްތަ ދުވަހު ފޯމު ހުށަހެޅުއްވީ ވޯޓުލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާއީދާއެކުގައެވެ.

އެކްސްކޯގައި ހިމެނުމަށް ހުށަހަޅުއްވާފައިވާ މެންބަރުން:

  • ރައީސް: އަޙްމަދު ތާރިޤް
  • ސީނިއަރ ނައިބު ރައީސް: އަލީ އިބްރާހީމް (ނިއު ރޭޑިއަންޓް)
  • ނައިބު ރައީސް: ހުސައިން ޝާފިއު (މާޒިޔާ)
  • ނައިބު ރައީސް: މުޖުތަބާ ޖަލީލް (ނިއު ރޭޑިއަންޓް)
  • އިމްރާން މުޙައްމަދު (ކުރީގެ ގައުމީ ޓީމުގެ ކީޕަރު)
  • މުޙައްމަދު އުމައިރު (ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ)
  • އަޙްމަދު އައްބާސް (ޓީސީ)
  • އަލީ ރިޒްވާން (ބީޖީ)
  • އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
  • އަންހެން މެންބަރު: ހައްވާ ރަޝީދާ
  • ޢަބްދުﷲ ނާސިޙު (އޮޑި ސްޕޯޓްސް)

އެފްއޭއެމްގެ އިންތިހާބު މިމަހުގެ 26 ގައި ބާއްވަން ނިންމާފައިވާއިރު، މިއީ ގާތްގަނޑަކަށް ދެ އަހަރު ހުސްކަމަށް ފަހު އެފްއޭއެމްއަށް އައު ހިންގާ ކޮމިޓީއެއް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބެކެވެ.

ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރި ކުލަބުތަކުން ބައެއް ކަންކަމަށް އެއްބަސް ނުވުމާއި އަސާސީ ގަވާއިދުގެ ދަށުން އިންތިހާބު ބާއްވަން އުޅުނު ދެ ފަހަރުވެސް އިޖުރާއަތްތައް ފުރިހަމަ ނުވެ އޮތުމުން ފީފާއިން ވަނީ އިންތިހާބު ހުއްޓުވާފައެވެ.

‎އެންމެ ފަހުން އިންތިހާބު މި ބާއްވަނީ ފީފާއިން ބައްސާމް ސަސްޕެންޑްކޮށް، ހުސްވި އަހަރު އެ އިދާރާ ނޯމަލައިޒޭޝަން ކޮމިޓީ އަކާ ހަވާލުކޮށް އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

އައު ހިންގާ ކޮމިޓީ އާއެކު މަސައްކަތް ފަށައިގަނެ އެފްއޭއެމް އަލުން އިޔާދަކޮށް ފުޓްބޯޅަ އަލުން ފަށައިގަތުމަށް އަތޮޅުތެރޭގައި އެސޯސިއޭޝަންތައް ހަދާ އެފްއޭއެމްގެ ނިންމުންތަކުގެ ރީޖަނަލް އެސޯސިއޭޝަންތަކަށް ބަސްބުނުމުގެ ފުރުސަތުދެއްވާނެ ކަމަށް ޠާރިޤް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ޠާރިޤް ވަނީ މީގެ ކުރިންވެސް އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގައި މުހިންމު ދައުރެއް އަދާކޮށް ގައުމީ ޓީމަށް ކުޅުނު ދުވަސްވަރު ޓީމަށް ކާމިޔާބީތައް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.