ޚަބަރު

2022 : ތަރައްޤީއާއި ކުރިއެރުން، ސިއްސުވާލި މަރުތަކެއް، ހިތްތައް ދަމައިގެން އެތައްކަމެއް


2022 ވަނަ އަހަރު ނިމިގެން ދިޔައިރު، އެ އަހަރަކީ އެހެން އަހަރުތަކާ ޚިލާފަށް ތަފާތު އަހަރެކޭ ދެންނެވިދާނެއެވެ. 2020 ވަނަ އަހަރުން ފެށިގެން ރާއްޖެ އަޑިގަނޑެއްގައި އޮންނަން މެދުވެރިވީ ކޯވިޑް-19 ގެ ސަބަބުންނެވެ. އޭގެ ފަހުން ރަނގަޅަށް ހިނގައިގަންނަން ލިބުނު ފުރަތަމަ އަހަރަށް 2022 ވަނަ އަހަރުވީއިރު، ނިމިގެން މިދިޔައީ ފާހަގަކޮށްލެވޭ އެތައް ކަމަކުން ރައްޔިތުން ހައިރާންކުރުވި ބޮޑު އަހަރެކެވެ.

އިޙުމާލުން އެތައް ބައެއް މަރުވި އަލިފާން

ތޮއްޖެހިގެން އެތައް ބަޔަކު ދިރިއުޅެމުން އަންނަ މި ކުޑަ ކުޑަ މާލެ ނިމުނު އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ 12:30 ހާއިރު ސިއްސުވާލީ ބޯ ދުމާއި، ބާރު ގޮވުންތަކެއްގެ އަޑުންނެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ރޭގަނޑުގެ އަރާމު ނިދިން އެންމެންގެ ލޯ އެރޭ ހުޅުވާލީ އިހުމާލުން ދޫކޮށްލާފައި އޮތް ނުރައްކަލުގެ ބޮޑު ހާއްޔަކަށެވެ.

މާލޭގައި ބިދޭސީ މަސައްކަތްތެރިން މަތިމައްޗަށް ދިރިއުޅެމުން ދިޔަ އެ ކުޑަ ކޮށީގައި ރޯވި އަލިފާނުގައި 10 މީހަކު ދުނިޔެއާ އަލްވަދާކީއިރު އެއީ އެތަނުގައި އަލިފާން ރޯވި 3 ވަނަ ފަހަރުކަން ހާމަވިއެވެ. އެކަން ހައްލުކުރުމަށް ފިޔަވަޅެއް ނޭޅި އޮވެ ބޮޑު ޙާދިސާއެއްގައި މުޅި ތަން އަނދާ އަޅިއަށް ވެ ދިޔައީ އިހުމާލުގެ މައްޗަށް ލޯހުޅުވަމުންނެވެ.

ފިތް ކަނޑާލި ވަރުގެ ރަހުމުކުޑަ މަރު

އަހަރު ފެށިގެން މެދަކަށް އައިއިރު މާލެ ތެރޭގައި އެންމެ ތުރުތުރު އަޅުވާލީ ފިތްކަނޑައިގެންދާ ފަދަ ބިރުވެރި ވާހަކައަކުންނެވެ.

މާލޭގެ ގެއެއްގެ ތެރޭގައި 22 އަހަރުގެ ޝިއާއު މުހައްމަދު މަރާލާފައި އޮއްވާ ފެނުމުންނެވެ. މީހުން މެރުމާއި މާރާމާރީ އަކީ ދިވެހިންނަށް އައު ކަމަކަށް ނޫވިނަމަވެސް، ޝިއާއުގެ ހަށިގަނޑު އޮތް ޙާލަތަކީ ހަމަ އެކަނި މަރާލާފައިވާ ހަށިގަނޑެއް ނޫނެވެ. އޭނާ ފެނުނީ މަރާލައި ހަށިގަނޑުގެ ގުނަވަންތައް ވަކިވަކިން ބުރިކޮށް ކޮށާލާފައި އޮއްވައެވެ.

މި މައްސަލާގައި 23 އަހަރުގެ އަލީ ޝާހިލް ހައްޔަރުކޮށް މިހާރު އޭނާގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ. ގަސްތުގައި މީހަކު މެރުމާއި އިތުރު 4 ދައުވާއެއް އޭނާގެ މައްޗަށް އުފުލި އިރު، އެ މައްސަލާގެ ޝަރީއަތް މި ފެށުނު އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ލަފާކުރެއެވެ.

ޔާމީން އަނެއްކާވެސް ޖަލަށް

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް ޚިޔާނާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ހިންގި ޚިޔާނާތެވެ. މި މައްސަލާގައި ބައިވެރިވެ މާލީ މަންފާ ނަހަމަގޮތުގައި ހޯއްދެވިކަމަށް އެންމެ ބޮޑަށް ތުޙުމަތުކުރެވޭ އެކަކީ ޚުދު ރައީސް ޔާމީނެވެ.

މި މައްސަލަ ތަޙުޤީޤުކޮށް މީގެ ކުރިންވެސް ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކުރިނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ. އޭގެ ފަހުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ ވ. އާރަށު މައްސަލާގައެވެ.

އެ މައްސަލަ އެމަނިކުފާނުގެ މައްޗަށް އުފުލި 2 ދައުވާއެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ މަހހު 25 ގައެވެ. ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދައުވާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާގުޅިގެން 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ސާބިތުވި އަނެއް ދައުވާއަކީ ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވުމާގުޅިގެން 4 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

ތަރައްޤީގެ ބޮޑު ދަތުރު މުޅި ރާއްޖެއަށް

ތަރައްޤީގެ ނަޒަރަކުން ބަލާނަމަ، ފާއިތުވެދިޔަ 4 އަހަރަކީވެސް ފާހަގަކޮށްލެވޭ ބޮޑު އަހަރުތަކެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަހަރު ނިމުމުގެ ކުރިން ބޭއްވި ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކަން ފާހަގަކޮށްފައިވެއެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ޙާޞިލުކުރުމަށް ކުރެވުނު މަސައްކަތާއި ހޯދުނު ކުރިއެރުންތައް ތަފާސްހިސާބުން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ފާއިތުވި 4 އަހަރު ސާފު ބޯފެނާއި ނަރުދަމާ އެންމެންނަށް ފޯރުކޮށްދިނުމުގެ 141 މަޝްރޫޢެއް މިހާރުވެސް ކުރިއަށްއެބަދެއެވެ. ކަރަންޓުގެ ޔަޤީންކަން ހޯދައިދޭން 144 ރަށެއްގައި 313 ޖަނަރޭޓަރު އަލަށް ވަނީ ބަހައްޓާފައެވެ. 77 ރަށެއްގެ އިންޖީނުގޭގެ އޮފީސް އިމާރާތުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ލަފާފުރުން ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 44 ރަށެއްގެ ބަނދަރުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި 37 ރަށެއްގެ ބަނދަރުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުންނެވެ. 31 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.

މީގެ އިތުރުން 7 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް ނިމި، 8 ރަށެއްގެ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ޞިއްޙީ ދާއިރާއާއި ގުޅުންހުރި 31 މަޝްރޫޢެއް ނިމިފައިވާއިރު، މީގެ ތެރޭގައި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ހަމައެހެންމެ މާލެއާއި އަތޮޅުތަކުގައި 16،000 އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުގައި އެކި ކެޓެގަރީގެ 8700 ފްލެޓާއި، އަތޮޅުތަކުގައި 4436 ފްލެޓާއި ރޯހައުސް އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގެދޮރުވެރިޔާ ލޯނު ސްކީމުގެ ތެރެއިން 183 މީހަކަށް 158 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން ވަނީ ދޫކޮށްފައެވެ.

ޖީބަށް ލުއިވި ބަހާއި ފެރީގެ ޚިދުމަތް

ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަކީ މި ސަރުކާރުގެ ބޮޑު ވައުދަކަށްވާއިރު، 2022 ވަނަ އަހަރަކީ އެ ވައުދު ފުއްދުމާ ދިމާއަށް އެންމެ ބޮޑު ފިޔަވަޅު އަޅައި ބޮޑު ކުރިއެރުން ލިބުނު އަހަރެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ނަމުގައި މުޅި ރާއްޖެ ގުޅާލާ ދަތުރުފަތުރުގެ ނިޒާމެއް ސަރުކާރުން އިފްތިތާހުކުރިއިރު، މީގެ ތެރެއިން މިނީ ބަހުގެ ޚިދުމަތާއި، ހައި ސްޕީޑް ފެރީގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

މިނީ ބަހުގެ ޚިދުމަތަށް ބަލާއިރު، މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ ދެކުނުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މި ޚިދުމަތް 2022 ވަނަ އަހަރު ވަނީ ފަށާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަށްސަށް އިތުރުވަމުންދާ އާބާދީއަށް ބަލާ، ބަސް ދަތުރުކުރާ ރޫޓްތަކާއި ޝެޑިއުލަށް ބަދަލުތަކެއް ގެނެސް އިތުރު ޑަބަލްޑެކް ބަސްތައް ބޭނުންކުރަން ފަށާފައިވަނީވެސް ހަމަ އެއަހަރެވެ.

މިއާއެކު ޕަބްލިކް ޓްރާންސްޕޯޓްގެ ފުރިހަމަ ނިޒާމެއް ވަނީ ޤާއިމްވެފައެވެ. ހަމައެހެންމެ މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި ޚިދުމަތަކަށް ހެދުމަށް ބެޓެރި ބަސްތަކެއް ގެނެސް ޚިދުމަތަށް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ ކުރިން ބޮޑު އަގުގައި އެ ރަށުން އަނެއް ރަށަށް ކުރި ދަތުރުތައް ޖީބަށް ލުއި ހައްޓަށް ފަސޭހަ ދަތުރުތަކަކަށް ބަދަލުކޮށްލީ އާރް.ޓީ.އެލްގެ ފެރީ ނިޒާމުންނެވެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވަނީ ޒޯން ތަކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޒޯން އެކެއްގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅަށް އާރް.ޓީ.އެލްގެ ދުވެލި ބާރު ފެރީތަކުގެ ޚިދުމަތް 2022 ވަނަ އަހަރުގެ މެދުތެރޭ ވަނީ ދޭން ފަށާފައެވެ. އަދި ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅަށް މިދިޔަ މަހު ވަނީ މި ޚިދުމަތް ތަޢާރަފުކޮށްފައެވެ.

އިންތިޒާރު ކުރާ ބުރިޖު މަޝްރޫއުގެ ފެށުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ ތިލަމާލެ ބުރިޖުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ މަސައްކަތް އަމަލީގޮތުން ފެށުނީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ.

އެފްކޮންސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މާލެ ސަރަހައްދުގެ އިޤްތިޞާދަށް ބޮޑު ބަދަލެއް އަންނާނެ މި މަޝްރޫޢު ފެށި މިހާރު ކުރިއަށްދާއިރު، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މި ފެށުނު އަހަރު ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރަމުންދަނިކޮށް މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ބްރިޖުގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް ވަނީ އަރާފައެވެ. ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. މިކަމާގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލާ އީ.ޕީ.އޭއިން ވަނީ 69 މިލިއަން ރުފިޔާއިން އެފްކޮންސް ކުންފުނި ޖޫރިމަނާވެސްކޮށްފައެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އާއި އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ގްރާންޓު ބޭނުންކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އަޅަން ވަނީ ހަމަޖެހިފައެވެ.

މުޅި މަޝްރޫޢު ނިމިގެންދާއިރު، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު މި ބްރިޖުން ގުޅާލެވިގެންދާނެއެވެ. މިއީ މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދުމަށާއި، މި ސަރަޙައްދުގެ އިޤްތިޞާދީ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރުމަށް ކުރާ މުހިއްމު އިންވެސްޓްމަންޓެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

އިޤްތިޞާދުގެ ރަން ބިހުގެ ރަންޔޫބިލް

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރުން ފާހަގަކުރީވެސް 2022 ވަނަ އަހަރެވެ.

ވަރަށްވެސް އާދައިގެ ގޮތަކަށް ފެށިގެން އައި މި ސިނާޢަތް ފާއިތުވި 50 އަހަރުގެ ތެރޭގައި ވަނީ ޢުމްރާނީގޮތުންނާއި ތަރައްޤީގެ ރޮނގުންވެސް އެތައް ކުރިއެރުންތަކެއް ހޯދާ، ރާއްޖެއަށް އާމްދަނީ ލިބޭ މައި ސިނާޢަތަށް ވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން 2022 ވަނަ އަހަރު ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން، ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ. އެގޮތުން ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ވިދިވިދިގެން 3 ވަނަ ފަހަރު 2022 ވަނަ އަހަރު ރާއްޖެއަށް ވަނީ ލިބިފައެވެ. މިއީ ފަތުރުވެރިކަމުގެ ރާންޔޫބީލަށް ލިބިގެންދިޔަ އިތުރު ކާމިޔާބީގެ ބޮޅެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން 2022 އަށް ސަރުކާރުން ކަނޑައެޅި އަމާޒުކަމުގައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ހާޞިލުކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއެކު، ރާއްޖޭގެ މުޅި އިޤްތިޞާދީ ކުރިމަގުވެސް ފެނިގެންދަނީ އުޖާލާކޮށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ 2022 ވަނަ އަހަރު ސިފަކުރެއްވީ އިޤްތިޞާދީ ގޮތުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު އަހަރެއްގެ ގޮތުގައެވެ. ނަމަވެސް ކޯވިޑަށްފަހު ދުނިޔޭގެ ނިސްބަތުގައި އެންމެ ބާރު ދުވެއްޔެއްގައި އިޤްތިޞާދު ކުރިއަރާ 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށާއި، 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ އެންމެ ކުރިއަރައި ދިޔަ 5 އިޤްތިޞާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އައު ރަންވޭއާއެކު އިތުރު ރިކޯޑްތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އައު ރަންވޭ އޮޕަރޭޝަނަށް ގެނެސް ބޭނުންކުރަން ފެށީ 6 އޮކްޓޫބަރު 2022 ގައެވެ. އައު ރަންވޭ އޮޕަރޭޝަނަށް ގެނެވުމާއެކު، އެއަރޕޯޓުގެ ރަންވޭއަށް ފްލައިޓް ޖެއްސުމާއި ކްލިއަރކުރުމަށް ހޭދަވާ ވަގުތު އެތައްގުނައެއް ވަނީ ކުޑަކޮށްދީފައެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނަ މި ރަންވޭއަކީ ކޯޑް-އެފްގެ މިންގަނޑަށް ފެތޭގޮތަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އައު ރަންވޭއާއި، ފްލައިޓްތައް ޕާކުކުރަން ބޭނުންވާ އޭޕްރޯންތައް ތަރައްޤީކޮށްފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުލެއް ނާންނާނެހެން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އައު ރަންވޭއާއެކު އެއަރޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. މީގެ ކުރިން ރަންވޭ ބޭނުންކުރެވޭނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށެވެ. ނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސައްވުރެ ވަނީ އިތުރުވެފައެވެ. މަތިންދާބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓުން، 2 މިނެޓަށް ވަނީ ކުޑަކުރެވިފައެވެ.

އައު ރަންވޭ އޮޕަރޭޝަނަށް ގެނެއުމަށްފަހު، 2022 ވަނަ އަހަރު ނިންމާލީ ޕީކް ސީޒަނާއެކު ވީ.އައި.އޭ ރަންވޭގެ ރިކޯޑަކާއެކުއެވެ. އެގޮތުން މިދިޔަމަހުގެ 22 ވަނަ ދުވަހު ވީ.އައި.އޭގެ ރަންވޭ މޫވްމަންޓްގެ އައު ރެކޯޑެއް ވަނީ ޤާއިމްކޮށްފައެވެ. އެއީ ޖުމްލަ 228 ރަންވޭ މޫވްމަންޓާއެކުއެވެ. މީގެތެރޭގައި، 104 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 104 ދަތުރުގެ އިތުރުން، 20 ޖެނެރަލް އޭވިއޭޝަން ހިމެނެއެވެ.

ރެކޯޑް އަދަކަށް މަސްބާނާ، ފައިސާދިން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއަށް މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މަސް ކިރާ، އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މި ނިމުނު 2022 ގައެވެ.

މިފްކޯ ތަރައްޤީކޮށް ވަޞީލަތްތައް އިތުރުކުރުމުގެ ބިޔަ މަޝްރޫޢުއެއް މި ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިއާއިއެކު މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވެ މަސްކިރުމަށް ފަސޭހަވެގެންދާނެކަމަށް މިފްކޯއިން ހާމަކުރެއެވެ. އެގޮތުން މީގެ 12 އަހަރު ކުރިން 2011 ގައި މިފްކޯއަށް ގަނެފައިވަނީ 23،930 މެޓްރިކް ޓަނުގެ މަހެވެ. 2022 ވަނަ އަހަރު މި ޢަދަދު ވަނީ 60،000 މެޓްރިކް ޓަނަށްވުރެ މައްޗަށް އަރާފައެވެ.

ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް ކިރި އަހަރަކަށް 2022 ވަނަ އަހަރު ވެފައިވާއިރު، މަސްވެރިންނަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީވެސް ހަމަ އެއަހަރުގެ ތެރޭގައެވެ. އެގޮތުން 2022 އަހަރު ނިމިގެންދިޔައިރު މަސްވެރިންނަށް 960 މިލިއަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ވަނީ ދޫކޮށްފައެވެ.