ޚަބަރު

ހދ. ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް


ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިން އޮތް ބަނދަރާ އަލަށް އިތުރުކުރާ ބަނދަރުގެ މަސައްކަތް ކުރިއަށް މި އޮތް ދެމަސްތެރޭ ނިންމާލެވޭކަމަށް އުންމީދު ކުރާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ހާބަރ ޕޭވްމަންޓް ހެދުމާ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީ އިން ވިދާޅުވެއެވެ.

ހަނިމާދޫއަކީ އިޤްތިޞާދީ ގިނަ މަސައްކަތްތަކެއް ކުރާ ރަށެކެވެ. އަދި އެއީ އިންޓަރނޭޝަލް އެއަރޕޯޓެއް އޮންނަ ރަށެއްވެސް މެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުހެން އެކި ބޭނުންތަކުގައި ގިނަ ބަޔަކު ހަނިމާދޫއަށް އަރައިފަބައި ހަދައެވެ. ނަމަވެސް ބަނދަރުގެ ޖާގައިގެ ދަތިކަމަކީ އެރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ބަނދަރު ކުޑަވުމާ ބަނދަރު ހަލާކުވެފައި އޮތުމަކީ މަސްވެރިންނަށާއި، ތެލާ ފެން އެޅުމަށް އަންނަ އޮޑިދޯނިފަހަރުގެ ވެރިން ކުރާ ޝަކުވާއެކެވެ.

ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ ބަނދަރު މަރާމާތުކޮށް ބޮޑު ކުރުމުގެ މަސްއްކަތް މިހާރު ވަނީ ނިމުމަކާ ގާތަށްގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން ވިދާޅުވެއެވެ. މުޅި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ޙުސެއިން ވިދާޅުވީ ކުރިން އޮތް ބަނދަރުވެސް މަރާމާތުކޮށްނިމި އާ ބަނދަރުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ. މިހާރު އާ ބަނދަރުގައި ކުރަމުންދަނީ ބޭރު ތޮށީގައި ޖެޓީއެއް ހެދުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، ބަނދަރުގައި ބޭރުތޮށި ހިމެނޭ ސަރަހައްދުގެ ކައިރިން ޖެޓީއެއް ލުމުގެ މަސައްކަތަކީ އިތުރު މަސައްކަތެއްކަމަށާ އެއީ ރައްޔިތުން އެދުމުން އިތުރުކުރި މަސައްކަތެއްކަމަށެވެ. މި ޖެޓީ ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބަނދަރުގައި ކުދި އުޅަނދުފަހަރު އެޅުން މަދުކުރުމަށާއި، ލޯންޗްތައް ކައިރިކޮށް އަރާފޭބުމަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައިކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހަނިމާދޫގައި ކުރިން ބޭނުން ކުރަމުންއައީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އެ ބަނދަރު ހަލާކުވެ ރަށަށް އަންނަ ފަރާތްތަކަށް އަރާ ފޭބުމަށް އުނދަގޫތައް ކުރިމަތިވަމުންދިޔައެވެ. އަދި ބަނދަރުގެ މަސްމާރުކޭޓާ ތެލާ ފެން އެޅުމަށް އޮންނަ ސަރަހައްދުގެ އެއްގަމު ތޮށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މިހާރު އެބަނދަރު މަރާމާތުކޮށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކުރިން އޮތް ބަނދަރާ ގުޅޭގޮތަށް ހެދި އައު ބަނދަރު ބޭނުން ކުރާނީ އޮނޑިދޯނިފަހަރު އެޅުމަށެވެ. މިހާރު އޮތް ބަނދަރު ބޭނުން ކުރާނީ ރަށުން ބޭރުން އަންނަ އުޅަނދުފަހަރު ކައިރިކޮށް މީހުން ބޭލުމަށާއި، މަސްވެރިކަން ކުރާ ފަރާތްތަކަށާ ތެލާ ފެން އެޅުމަށް އަންނަ އުޅަނދުތައް އެޅުމަށެވެ.

އައު ބަނދަރާއެކީ ބަނދަރުގެ ދިގުމިން 1200 ފޫޓަށް އިތުރުވާނެއެވެ. އަދި ފުޅާމިން 300 ފޫޓަށް އިތުރުވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި މަޝްރޫޢަށް 69.05 މިލިއަން ރުފިޔާ ޙަރަދުވެއެވެ.