ޚަބަރު

ޓުޓިކޮރިން ބަނދަރާއި ރާއްޖެއާ ދެމެދު ވިޔަފާރި ފުޅާކުރުމަށް މަޝްވަރާކުރަނީ


އިންޑިއާގެ ޓުޓިކޮރިން ނުވަތަ ސޫތުކުޅި "ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަން"ގެ މަތީ ވަފުދެއް ރާއްޖެވަޑައިގެންފިއެވެ.

މި އެސޯސިއޭޝަންގެ ފަރާތުން ރާއްޖެ ވަޑައިގަތް ވަފްދުގައި ރާއްޖެއަށް ސޫތުކުޅިން އާއްމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދުފަހަރުގެ ވެރިން ހިމެނިވަޑައިގަންނަވައެވެ. މިއީ 100 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް އެސޯސިއޭޝަނެކެވެ. ސޫތުކުޅީގެ އުޅަނދުފަހަރުތަކަކީ ޒަމާނުއްސުރެ ރާއްޖެއަށް ކާބޯތަކެއްޗާއި، އެހެނިހެން މުދާ ގެންނަ އުޅަނދުފަހަރުތަކެކެވެ.

މިމަހުގެ 20 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ސީ.އެމް.އެސް.ވީ.އޯގެ ވަފްދުން ރާއްޖެއަށް މިކުރާ ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ސޫތުކުޅީގެ ބަނދަރާއި، ރާއްޖެއާދެމެދު އޮތް ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފުޅާކުރުމަށް މަޝްވަރާކުރުމެވެ.

މި ވަފްދުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރާތްކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާ ބައްދަލުކޮށްފައެވެ. އަދި މި ވަފްދުން ވަނީ އެމް.ޕީ.އެލްގެ އިސް މެނޭޖްމަންޓާއެކުވެސް ބައްދަލުވުމެއް ބާއްވާފައެވެ.

މި ދަތުރުގައި މި ވަފްދުގެ ބޭފުޅުން އެމް.ޕީ.އެލްގެ ދަށުން ހިންގަމުންދާ ދެ ރީޖަނަލް އެއަރޕޯޓްކަމަށްވާ ކުޅުދުއްފުށީ ޕޯޓާއި، ހިތަދޫ ޕޯޓަށްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރީޖަނަލް ޕޯޓުތައް ނިސްބަތްވާ ސަރަޙައްދުތަކުގެ ސިޓީ އަދި އަތޮޅު ކައުންސިލްތަކާ އެ ސަރަޙައްދުތަކުގެ ވިޔަފާރިވެރިންނާއި، މަދަނީ ޖަމިއްޔާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ހިމެނޭގޮތަށް ބައްދަލުވުންތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަޝްވަރާކުރުމަށް ޚާއްސަ ވަފްދެއް ރާއްޖެ ވަޑައިގެންފައިވާއިރު، މި ސަރުކާރުން 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ރާއްޖެއާއި ޓުޓިކޮރިންއާދެމެދު ކާގޯ ފެރީގެ ޙިދުމަތް ތަޢާރަފުކޮށްފައެވެ.